އިހްތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އިހްތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިހްލާސްތެރިކަމާއެކު އަދާކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކާ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ސީރީސްގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނައިބު ރައީސްގެ މަގާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތްކުރެއްވިކަމުގައި ވިދާޅުވެފަ އެވެ. އަދި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއިއެކު މަސައްކަތްކުރެއްވުމަށް ފަސޭހަފުޅުވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ހިއްސާކުރައްވާފަ އެވެ.
ހަމަ އެއާއެކު ނައިބު ރައީސް ފައިސަލް ވަނީ ކަމަކުން ކާމިޔާބު ހާސިލުކުރުމަށް މަސައްކަތްތައް ބައްޓަންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި މަގާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ގަބޫލުކުރުން ދޫކޮށްލައި ކޮންމެ މަގާމެއްގައި ހުރެގެންވެސް ގައުމީ ހިދުމަތް ކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި ރަނގަޅު ނަސޭހަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފަ އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަގްބަލް ސްޕީކާ ސީރީސް 2023ގައި ނައިބު ރައީސް ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފަ އެވެ.