މާލޭގެ ޕާކްތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސް، ހަފްލާތަކާއި ޕާޓީތަކަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ ސަލްޓަންޕާކާއި ލޮނުޒިޔާރަތް ޕާކު ދެން ހުޅުވުމަށް ކަނޑައެޅިފައި ވަނީ ފަތިހު 5:00ން ހެނދުނު 8:00 އަދި ހަވީރު 5:00ން ރޭގަނޑު 8:00 އަށް ކަމަށެވެ.

މާލޭގައި ހަަފްލާތަކާއި ރަސްމިއްޔާތު އަދި ޕާޓީތައް ބޭއްވުން ހުއްޓާލުމަށް އެޗްޕީއޭ އިން ނިންމުމާ ގުޅިގެން ސަލްޓަންޕާކާއި ލޮނުޒިޔާރަތް ޕާކު ޕާޓީތަކަށާއި، ހަފްލާތަކަށް އަދި ރަސްމިއްޔާތުތަކަށް ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައިވެ އެވެ. އަދި ކުރިން ބުކިން ހައްދާފައިވާ ފަރާތްތަކުގެ ބުކިން ކެންސަލްކުރިކަން ސިޓީ ކައުންސިލުން އެ ފަރާތްތަކަށް އަންގާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ބުނިގޮތުގައި ޕާކުތައް ހުޅުވައި ހިދުމަތް ދެމުންގެންދާނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށެވެ. މިގޮތުން ޕާކަށް ވަނުމުގެ ކުރިން ހުންހުރިތޯ ބެލުމާއި، އަތްދޮވުއި، ކަނޑައެޅިފައިވާ މިންވަރަށްވުރެ މީހުން ގިނަނުވާނެ ގޮތަށް ވެއްދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޕާކްތެރޭގައި އުޅޭއިރު ހުރިހާ ވަގުތެއްގައި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ސިޓީ ކައުންސިލުން އިލްތިމާސްކުރެ އެވެ.

ސިޓީ ކައުންސިލުން ގެނައި ބަދަލުތަކަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.

ކޮވިޑްގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވަމުންދާ މިދަނޑިވަޅުގައި މިފަދަ ބަދަލުތަކެއް ގެނެއުމަށް ސިޓީ ކައުންސިލުން ނިންމާފައި ވަނީ އެޗްޕީއޭ އިން އަލަށް އިއުލާންކުރި ފިޔަވަޅުތަކާ ގުޅިގެންނެވެ.

ފާއިތުވެދިޔަ ފަސްދުވަހު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ 100 އިން މަތީގަ އެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 15،496 އަށް އަރާފަ އެވެ. އަދި މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 14،028 އަށް އަރާފަ އެވެ.