ނޫހު އަލައިހިއްސަލާމް ރަޟިއަﷲ އަންހް ދަތުރު ކުރެއްވި ނައުކޮޅު އޮތް ކަމަށް ބުނާ ސަރަހައްދެއް ސައިންސްވެރިން ހޯދައި އާއްމުކޮށްފި އެވެ.

އެމެރިކާއާއި ތުރުކީގެ ސައިންސްވެރިން ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި ނަވެއްގެ ސިފައިގައި އޮތް ތަނެއް ފެނިފައިވަނީ ތުރުކީގެ އެންމެ އުސް ފަރުބަދަ މައުންޓް އަރާރަތުގެ އެންމެ އުހުންނެވެ.

މުޝްރިކުންނަށް ފޮނުވުނު ގަދަފަދަ އަޒާބުން ސަލާމަތް ވުމަށްޓަކައި މާތް ﷲގެ އަމުރުފުޅުގެ މަތިން ނޫހުގެފާނު ނަވެއް ބަންނަވައި އެކަލޭގެފާނުގެ އާއިލާގެ އިތުރުން ދިރޭ ސޫފާސޫފީގެ ކޮންމެ ވައްތަރަކުން އަންހެން އަދި ފިރިހެން ޖޯޑެއް އެ ނަވަށް އެރުއްވި އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ގަދަ ވާރޭއިން ސަލާމަތްވުމަށްޓަކައި ނޫހުގެފާނު ބެންނެވި ނައުކޮޅު އެންމެ ފަހުން އައިސް ލެއްގީ މައުންޓް އަރާރަތު އަށެވެ.

އެހެން ނަމަވެސް މިކަމަކީ 100 ޕަސެންޓް ޔަގީންކަމާއެކު ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ދިރާސާކުރި ސައިންސްވެރިން ވެސް އެއްބަސްވެ އެވެ.