އިންޑިއާ ކަނޑުގެ ސަލާމަތާއި ކުރިއެރުމުގައި ރާއްޖެ އަކީ އިންޑިއާ އަށް ވަރަށް މުހިންމު ގައުމެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން މެދުވެރިކުރައްވައި، މޯދީ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދުގައި އުފެދިފައި އޮތް ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.

މޯދީ ވިދާޅުވީ، ރާއްޖެ އަކީ އިންޑިއާގެ ސަލާމާތާއި ކުރިއެރުމުގެ ތަސައްވުރު ކަމަށްވާ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިން ދަ ރީޖަން" ގާއިމުކޮށްދިނުމަށްޓަކައި އިސްދައުރެއް އަދާކުރަމުން ގެންދާ ގައުމެއް ކަމަށެވެ.

މޯދީ ވަނީ ދެ ގައުމުގެ ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށް ރާއްޖެ އާ ގުޅިގެން އެ ގައުމުން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނަޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މޯދީ ވިދާޅުވި އެވެ.

މި ބަޔާނުގައި މޯދީ ވަނީ އިންޑިއާގެ ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ދިވެހި ސަރުކާރަށާއި ދިވެހިންނަށް ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެެވެ.