އަންނަ އަހަރަށް ލަފާކޮށް ދައުލަތު ބަޖެޓު ހުށަހަޅުއްވަން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގާނޫނުގައި ބުނާ މުއްދަތުގައި ވަޑައިނުގަތް ކަމަށް ވިދާޅުވެ، އަމީރާ ދެކޮޅަށް ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށާއި ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމެވެ. އެ ދެ ބަޖެޓު ހުށަހެޅުމަށް އަމީރު މަޖިލިހަށް ވަޑައިގެންނެވުމުން ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ އަޑު ގަދަ ކުރައްވައިފަ އެވެ.
މާލިއްޔަތުގެ ގާނޫނުގައި ބުނާ ގޮތުން ކޮންމެ ނޮވެމްބަރު 1 ގެ ކުރިން މަޖިލިހަށް ބަޖެޓު ހުށަހަޅަން ފިނޭންސް މިނިސްޓަރަށް ލާޒިމްވެ އެވެ. އެކަމަކު، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ދެއްވި ލަފައަކާ ގުޅިގެން ބަޖެޓު ހުށަހެޅުއްވުމަށްޓަކައި އަމީރު މަޖިލިހަށް ވަޑައިނުގަންނަވަ އެވެ. ބަންޑާރަ ނައިބު އޭރު ވިދާޅުވެފައި ވަނީ ނަޝީދު، މަޖިލިހުގެ ރައީސް ކަމުން ވަކިކުރުމަށް ހުށަހަޅާފައި އޮތް މައްސަލައާ މެދުގައި ގޮތެއް ނުނިންމައި އިތުރު މައްސަލައެއް މަޖިލިހުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ނިޒާމީ މައްސަލަ ނަންގަވައި ނަޝީދު ވިދާޅުވީ މާލީ ވަޒީރު މަޖިލިހަށް ވަޑައިގެން އިންނެވީ ކުށުގެ ތުހުމަތުގައި އިންނަވައިގެން ކަމަށެވެ. މާލިއްޔަތުގެ ގާނޫނުގައި ބަޖެޓު ހުށަހަޅަންވީ ދުވަސްތައް ބަޔާންކޮށްފައިވާ ކަމަށާއި ސިޔާސީ ބޭނުމެއްގައި އެ ބޭފުޅުން އެކި ގޮތް ގޮތަށް އަނބުރަމުން ގެންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ދައުލަތުގެ ނިޒާމު ނަގާލެވިގެން ނުވާނެ. މާލީ ވަޒީރު ޝަރީއަތަށް ފޮނުވުން އެއީ މިވަގުތު އަޅުގަނޑުމެންނަށް ކުރަން އޮތް އެންމެ މުހިންމު ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
"މަޖިލިހުގެ ބާރުތަކެއް ދޫކޮށެއް ނުލެވޭނެ މާލީ ވަޒީރަކަށް. މަޖިލިހަށް ގޮން ނުޖެހޭނެ،"