ރެއަކާދުވާލު ފުރިހަމަވާން ނަގަނީ 24 ގަޑިއިރެވެ. ރާއްޖޭގައި ނަމަ އެއީ ގާތްގަނޑަކަށް ދުވާލުގެ 12 ގަޑިއިރާއި ރޭގަނޑުގެ 12 ގަޑިއިރެވެ. އެހެން ނަމަވެސް ދުނިޔޭގެ އެކި ގައުމުތަކަށް ދުވާލާއި ރޭގަނޑުގެ ވަގުތު ތަފާތެވެ.

މިފަހަރު މިއޮތީ މުޅިން ތަފާތު ވާހަކަ އެކެވެ. ގާތްގަނޑަކަށް ދެ މަސް ދުވަސް ވަންދެން އިރުގެ އަލި ނުފެންނަ އަވަށެއްގެ ވާހަކައުޓްކިއަގްވިކް އެވެ. އެއީ އަލަސްކާގެ އުޓްކިއަގްވިކް ނަމަކަށް ކިޔުނު އަވަށެވެ.

ގާތްގަނޑަކަށް 4000 މީހުންގެ އާބާދީއެއް އޮންނަ އެ އަވަށަށް ފިނިމޫސުމުގެ އިރު އެންމެ ފަހުން އޮއްސެނީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ އަވަށަށް އެންމެ އަވަހަށް އިރު އަރަނީ އޭގެ 67 ދުވަސް ފަހުން ޖެނުއަރީ 23ގަ އެވެ.

އެހެން ކަމުން 67 ދުވަސް ވަންދެން އެ އަވަށުގެ މީހުން އުޅެނީ ގުދުރަތީ އައްޔެއް ނެތި ހޮޅިބުރިއާއި އަލިފާނުގެ އެހީގަ އެވެ. އާއްމު ބަހުންނަމަ އެ މީހުންނަކީ "ނިދިން ނުހޭލާ" އަވަށުގެ މީހުންނެވެ.

މިއީ މި އާދަޔާޚިލާފު ކަންތައް ހިނގާ އަލަސްކާގެ ހަމައެކަނި އަވަށެއް ނޫނެވެ. އެހެން ނަމަވެސް އުޓްކިއަގްވިކް އޮންނަ ސަރަހައްދުގެ ސަބަބުން ރޭގަނޑު އެންމެ ދިގުލައިގެން ދަނީ މި އަވަށުގަ އެވެ.

މިއީ ސައިންސްގެ ގޮތުން ބަލާއިރު ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ދުނިޔޭގެ ދެ ތަނޑި ކައިރީގައިވާ ގައުމުތަކަށް ދިމާވާ ކަމެކެވެ.