ކްރިމިނަލް ކޯޓުން މި އަހަރު ރިސެސް އަށް ނުދާން ނިންމައިފި އެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގެ މެދުތެރެ އާއި ޑިސެންބަރު މަހު ކްރިމިނަލް ކޯޓުން ރިސެސްއަށް ދެ އެވެ. ނަމަވެސް މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ވެސް ކްރިމިނަލް ކޯޓުން ޖާގައިގެ ދަތިކަމުގެ ސަބަބުން މަސައްކަތައް ނުނިމި ހުރުމުން ރިސެސްއަށް ނުދެ އެވެ.
ކްރިމިނަލް ކޯޓުން ބުނީ ޑިސެމްބަރު މަހު ރިސެސް އަށް ނުދާން ނިންމާފައިވަނީ އެ ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުން ކޯޓުގެ މަސައްކަތްތަކަށް ބުރު އަރާފައިވުމުގެ ސަބަބުން ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެ ކޯޓުގެ އިމާރާތުގެ އެއްބައި ބޭނުން ނުކުރުމަށް ޖޭއެސްސީން އެންގުމާ ގުޅިގެން ކްރިމިނަލް ކޯޓުގެ އިމާރާތް ހުޅުމާލޭ ކޯވިޑް ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމާފައިވީ ނަމަވެސް އިމާރާތުގެ މަސައްކަތް ނިމޭނެ މުއްދަތެއް އަދިވެސް ނޭގުމަކީ ވެސް ކްރިމިނަލް ކޯޓުން ރިސެސްއަށް ނުދިއުމަށް ނިންމި ސަބެބެކެވެ.
ކްރިމިނަލް ކޯޓުން ބުނީ އިމާރާތުގެ ދަތިކަން މެދުވެރިވެގެން ކޯޓުން ތާވަލުކުރާ މައްސަލަތަކުގެ ޢަދަދު 50 ޕަސެންޓަށް ދަށްވެފަ އީވާ ކަމަށާއި އަޑުއެހުންތައް ލަސްވުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތަކުގެ ހާއްސަކޮށް ބަންދުގައި ތިބި ފަރާތްތަކުގެ، ޝަކުވާ ގިނަ އަދަދަކަށް ކޯޓަށް ހުށަހަޅާކަމަށެވެ. އަޑުއެހުންތައް މަދުވުމުގެ ސަބަބުން ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު ދަށްވެ ގާޒީންގެ ބެކްލޮގް މައްސަލަތައް އިތުރު ވެފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ހާމަކުރެ އެވެ.