ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް ނިންމާ ފަހުބަސް އިއްވުމަށް ބާއްވާ އަޑުއެހުން އަންނަ އަގާރަ ދުވަހަށް ތާވަލުކޮށްފި އެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި އެ ފައިސާ ލޯންޑާ ކުރުމުގެ ދައުވާ ވެސް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ގަ އެވެ.

އެމައްސަލަ ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ޝަރީއަތް ނުފަށާ ގިނަ ދުވަސްތަކެއް ވަންދެން އޮތެވެ.

އަންނަ އަންގާރަދުވަހަށް އާރަށު މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު، އެ މައްސަލާގައި އެންމެ ފަހުން އޮތް އަޑުއެހުން ނިންމަވައިލައްވަމުން ފަނޑިޔާރުން އިއުލާނުކުރެއްވީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެ ފަރާތުން އެންމެ ފަހު ބަސް އިއްވުން ކަމަށެވެ.

އެހެންކަމުން އަންނަ އަޑުއެހުމުގައި ދައުލަތާއި ދިފާއުގެ ފަހުބަސް އިއްވުމަށްފަހު ދެން އޮންނާނީ އެ މައްސަލާގައި ހައިކޯޓުން ގޮތެއް ނިންމައި ހުކުމްކުރުމުގެ އަޑުއެހުމެވެ.

އާރަށުގެ މައްސަލާގައި އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދެވި ރައީސް ޔާމީން ވަނީ ދާދިފަހުން ގެކޮޅަށް ބަދަލުކުރައްވާފަ އެވެ.މިހާރު އެމަނިކުފަނު ހުންނެވީ ރަށު ބަންދުގަ އެވެ.

ވ.އާރަށް މައްސަލާގައި ދެން ހިމެނެނީ ކުރީގެ މެންބަރު ޔޫސުފް ނައީމް އެވެ. އޭނާގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ދައުވާ ސާބިތުގެ ކުރިމިނަލް ކޯޓުން ވަނީ 3 އަހަރުގެ ހުކުމެއް އިއްވާފަ އެވެ.