"ގަލީ ބޯއީ"ގެ ކާމިޔާބީއަށް ފަހު އަނެއްކާވެސް ރަންވީރާއި އާލިޔާގެ ޖޯޑުއެކުގައި ބޮޑު ސްކްރީނުން ފެނުމަށް މިދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދެތަރިން ފެނިގެންދާނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންއިން އުފައްދާ ލޯބީގެ ފިލްމަކުންނެވެ. އަދި މިފިލްމު ޑައިރެކްޓު ކުރަން ވެސް ހަމަޖެހިފައި ވަނީ ސީދާ ކަރަން ޖޯހަރެވެ.

ކަރަން ޖޯހަރު އެންމެ ފަހުން ޑައިރެކްޓު ކުރި ފިލްމަކީ ރަންބީރު ކަޕޫރު، އަނުޝްކާ ޝަރްމާ އަދި އައިޝްވާރިޔާ ރާއީ ބައްޗަން ލީޑު ރޯލުން ފެނިގެންދިޔަ ލޯބީގެ އަސަރުގަދަ ފިލްމް "އޭ ދިލް ހޭ މުޝްކިލް" އެވެ. އޭގެ ފަހުން ނެޓްފްލިކްސް "ލަސްޓް ސްޓޯރީސް" ގެ ބައެއް ޑައިރެކްޓް ކޮށްފައިވެ އެވެ.

މިއީ ކަަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމަކުން ރަންވީރު ސިންގު ފެނިގެންދާ ފުރަތަމަ ފަހަރެވެ. އާލިޔާއަށް މިއީ އެނބުރި އައުމެކެވެ. އާލިޔާ ބޮލީވުޑަށް ތައާރަފުވިފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" ޑައިރެކްޓް ކޮށްފައި ވަނީ ވެސް ކަރަން ޖޯހަރެވެ.

މީގެ އިތުރުން ކުރިން އިއުލާނުކުރި ކަރަންގެ ފިލްމް "ތަހުތު"ން ވެސް ރަންވީރާއި އާލިޔާއެކުގައި ފެނިގެންދާނެ އެވެ.

މި ފިލްމަކީ ގިނަ އަދަދެއްގެ ބޮޑެތި ތަރިން ފެނިގެންދާ ފިލްމެކެވެ. އޭގެ ތެރޭގައި އަނިލް ކަޕޫރު، ކަރީނާ ކަޕޫރު ހާން، ވިކީކޯޝަލް، ބޫމީ ޕާޑްނޭކަރް އަދި ޖާންވީ ކަޕޫރު ވެސް ހިމެނެ އެވެ. މި ފިލްމުގެ މަސައްކަތް އޮތީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.