މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ރީބްރޭންޑް ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި ކައުންސިލެއް އުފައްދަން ނިންމައިފަ އެވެ. މި ކައުންސިިލް ޗެއާ ކުރައްވަނީ ރައީސް މުއިއްޒެވެ. ކޯ ޗެއާއިންގެ ގޮތުގައި ތިއްބަވާނީ ޓޫރިޒަމް މިނިސްޓަރު ފައިސަލްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ކައުންސިލްގައި ދެން ތިއްބަވަނީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އަބްދުﷲ ޝަފީގާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރް އިބްރާހިމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ އެވެ.
ވިޒިޓާ އިކޮނޮމީ ކައުންސިލުގެ ފަރާތުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ވަރަށް ބޭނުންފުޅުވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ، ކައުންސިލެއް އެކުލަވާލި ނަމަވެސް އެ ކައުންސިލާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރަމުންދާނީ މިހާރު ވެސް އެ މަސްއޫލިއްޔަތު އޮންނަ އެމްއެމްޕީއާރުސީން ކަމަށެވެ.
"އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން ބޭނުން، ރައީސް މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރަން. މިހާރު އެ ތަނަށް އެމްޑީން އެސައިން ކުރެވުނީމަ، އެ މަސައްކަތް ވެސް ފަށައިގަން ވަރަށް ބާރަށް ކުރިއަށްގެންދާނަން." ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރުމަށް ފަހު އެމްއެމްޕީއާރުސީގެ މަސައްކަތްތައް ބައްޓަން ކުރާނީ މިހާރު ހުރި މާކެޓުތަކަށް އެކަނި މަސައްކަތް ކުރުމުގެ ބަދަލުގައި އާ މާކެޓުތައް ވެސް ހޯދައިގެން ފަތުރުވެރިން އަންނަ އަދަދު އިތުރު ކުރުމަށެވެ.
އެމްއެމްޕީއާރުސީ ރީބްރޭންޑު ކުރުމުގެ ވިިސްނުމެއް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެކަމަކު، ވެރިކަން ނިމިގެން ދިޔައިރު ވެސް އެކަން ނުކުރެވުނެވެ.
ރާއްޖޭގައި މި ފަހުގެ ތާރީހެއްގައި ހިނގައިދިޔަ އެންމެ ބޮޑު އެއް ހިޔާނާތަކީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާ މިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވަދެފައިވެ އެވެ. ކުރީ ސަރުކާރު ނިމިގެން ދިޔައީ އެ މައްސަލަތަކަށް އިންސާފު ހޯދައި ނުދެވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހަމައެކަނި ހުކުމް ތަންފީޒު ކުރައްވަނީ ރައީސް ޔާމީނެވެ. އެ މައްސަލައިގައި ޖަލަށްލި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް ރައީސް ސޯލިހް މާފު ދެއްވައި ވަނީ މިނިވަންކޮށްފަ އެވެ.