އިސްލާމީ މަރުކަޒުގެ އިމާމަކަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް މުހައްމަދު ލަތީފް އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް މުހައްމަތު ލަތީފް އައްޔަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މުހައްމަދު ލަތީފް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ފެންވަރުގަ އެވެ.

ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ލަތީފް މީގެކުރިން ވަނީ އިސްލާމީ މަރްކަޒުގެ އިމާމުގެ މަގާމު ފުރުއްވައިފަ އެވެ.

މުހައްމަދު ލަތީފަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބުކޮށް ދެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި އިންތިގާލީ މަރުހަލާގައި އެކުލަވާލި ކޮމިޓީތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީ އަށް ކަނޑައެޅި ކޮމިޓީގައި ވެސް އޭނާ ހިމެނިވަޑައިގެންނެވި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާމަކަށް ޝައިޚް މުހައްމަދު ލަތީފް އައްޔަން ކުރެއްވުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ޝައިޚް މުހައްމަދު ލަތީފަށް ލިބިވަޑައިގެންފައިވާ އިލްމުގެ ސަބަބުން ދިވެހި މުޖުތަމައު އަށް އެކަމުން ފައިދާ ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް ބޭފުޅަކު އައްޔަން ކުރައްވައިފަ އެވެ. އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އިސްލާމިކް ފައިނޭންސްގެ ދާއިރާ އިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މުހައްމަދު ސުޖާއު އަބްދުލްހަކީމެވެ.