ދަތް އުނގުޅާ ބުރުހެއް ގަންނައިރު އަހަރެމެންނަށް ގިނަފަހަރަށް ބެލެނީ ބުރުހުގެ ކުލައަށާއި، ޑިޒައިނަށާއި، އިޝްތިހާރުގައި ބުރުހާބެހޭ ގޮތުން ކަނޑާފައިވާ ފޮންޏަށެވެ. ނަމަވެސް ދަތްއުނގުޅާ ބުރުހެއްގެ އެންމެ މުހިންމު އަސާސީ ބޭނުމަކީ ރީތިކޮށް ދަތްތަކުގެ ހުރިހާ ހިސާބެއް ސާފުކުރުމެވެ.

އިލެކްޓްރިކް ދަތްއުނގުޅާ ބުރުސް އާދައިގެ ބުރުހަކަށްވުރެ ރަނގަޅުވާނެ ކަމަށް ގަބޫލްކުރާ މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ހަގީގަތަކީ، އާދައިގެ ބުރުހަކަށްވުރެ އިލެކްޓްރިކް ދަތްއުނގުޅާ ބުރުހެއް ވަކި ރަނގަޅު ނޫން ކަމެވެ. ބަލިމީހުންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އާދައިގެ ބުރުހަކަށްވުރެ އިލެކްޓްރިކް ބުރުހެއް ރަނގަޅުވެދާނެ އެވެ.

ބުރުސް ބަދަލުކުރުން

  • ދަތްއުނގުޅާ ބުރުހުގެ ޢުމުރަކީ ތިން މަސްދުވަސް ކަމަށް ހަދާށެވެ. ތިންމަސް ވުމުގެކުރިން ބުރުހުގެ ނަރުތައް ކިސުޅިވެ، ފައިބަން ފަށައިފިނަމަ އަވަހަށް އާ ބުރުހެއް ހޯދާށެވެ.
  • ބުރުހުގެ ނަރުތައް ދެތިން ހަފުތާތެރޭ ފައިބަން ފަށައިފިނަމަ، ދަތް އުނގުޅަން ޖެހޭ ވަރަށްވުރެ މާ ބާރަށް ދަތްއުނގުޅަނީ ކަމަށް ވުން އެކަށީގެންވެ އެވެ.
  • އަރިދަފުސް ރޯގާ ފަދަ ރޯގާއެއް ޖެހިގެން އުޅޭ ދުވަސްވަރު ބޭނުންކުރި ބުރުސް، ރޯގާ ރަނގަޅުވުމުން ބަދަލުކުރާށެވެ. މިގޮތަށް ކަންތައްކުރަން ޖެހެނީ ބުރުހުގައި ރޯގާގެ ޖަރާސީމު ހުރިކަމަށްވާނަމަ ދެވަނަ ފަހަރަށް ރޯގާޖެހުން އެކަށީގެންވާތީ އެވެ.

ބުރުހުގެ މުށްގަނޑު ފަރުމާކޮށްފައިވާގޮތުން ދަތްތައް ސާފުކުރުމަށް ސީދާގޮތުން މާބޮޑު ފައިދާއެއް ނުކުރާނެ އެވެ. ނަމަވެސް ބުރުހުގެ މުށްގަނޑު އަތަށް ފަސޭހަތޯ ބަލާށެވެ. ބުރުހުގެ ނަރުތައް ވާންޖެހޭނީ މަޑު ނައިލޯން ނަރުތަކަކަށެވެ. ނަރުތައް މަޑުކަމަށް ވާނަމަ، ދަތްއުނގުޅާއިރު، ނަރުތަށް ފަސޭހަކަމާއެކު ލެނބޭނެއެވެ. އޭގެ އިތުރުން ބުރުހުގެ "ބޯ" ތައްޔާރުކޮށްފައިވާ ބައްޓަން ވަރަށް މުހިންމެވެ. ބޮލުގެ ސައިޒްކުޑަ ބުރުހެއް ހޯދާށެވެ. ބުރުހުގެ ބޮލުގެ ސައިޒު ބޮޑުނަމަ ދަތްޕިލާގެ ހުރިހާ ހިސާބުތަކެއް ސާފުކުރަން އުނދަގޫ ވާނެ އެވެ.

އަނގައިގެ ސިއްހަތު ވަރަށް މުހިންމުކަން ހަނދާނުގައި ބަހައްޓާށެވެ. ދަތްތަކުންއ ކޮބަޑި ފިލުވާލާ، އަނގައިގެ ވަސް މީރުކޮށްދޭ ދަތް އުނގުޅާ ބުރުހަށް ފަރުވާތެރި ވާށެވެ.