ރައީސް ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވެފައި.

ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ، ރައީސްގެ ދެކަނބަލުން ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ތުރުކީގެ ނޭޝަނަލް ލައިބްރަރީގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފަ އެވެ.

އެގޮތުން، ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެފަރާތްތަކަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެ ގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރައްވައިފަ އެވެ. އޭގެތެރޭގައި ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް ހިއްސާކުރެއްވި އެވެ. މީގެ އިތުރުން ވެސް އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ދިވެހިރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާ ކުރެއްވި އެވެ. ހަމަ އެއާއެކު ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލާޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހިންވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އެމްބަސީއެއް ތުރުކީވިލާތުގައި ހުޅުވުމަށްކުރަންޖެހޭ މަސައްކަތްތައްކުރުމަށް މަޝްވަރާކުރައްވާނެ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅުއްވާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމުގައި ވިދާޅުވެފަ އެވެ.

ހަމައެއާއެކު، ތުރުކީވިލާތުގެ އިސްބޭފުޅުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެބޭފުޅުން ވަނީ 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖެއަށް ހާއްސަކޮށް 30 ސްކޮލާޝިޕް ފުރުޞަތު ދެއްވާނެކަން ޔަޤީންކޮށްދެއްވާފައި ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މި ފުރުޞަތުތައް މި އަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެ ކަމަށް ތުރުކީގެ އިސްބޭފުޅުން ވިދާޅުވެފައިވާކަން އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ.

އަދި މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް ސަރުކާރުގެ ފުރިހަމަ ސަޕޯޓް ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ލިބޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، ތުރުކީއަކީ ރާއްޖޭގެ އިޤްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވައިފަ އެވެ. އަދި މުސްތަޤުބަލުގައި ތުރުކީ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަޤީންކަން އޮތްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.