ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރާ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ނައީމާ މަރުގެ މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެ މައްސަލަ ފުލުހުން ފޮނުވީ މިދިޔަ އަންގާރަ ދުވަހު އެވެ.
ނައީމާ މަރުގެ މައްސަލާގައި އެރަށު ތިން މީހަކު ހައްޔަރުކުރި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ އަބްދުލްވާހިދު ރިފާސް އާއި އުމުރުން 21 އަހަރުގެ ހުސައިން ފަވާޒު އާއި އުމުރުން 23 އަހަރުގެ އަހުޒަމް އެވެ.
ތިން މީހުންގެ މައްޗަށް ދައުވާ ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. މި ދައުވާ ކުރަނީ ނައީމާ މޫސާ މަރާލުމަށްފަހު މަނަދޫ ނާމަގު ސަރަހައްދަށް ގޮސް އެތަނުގައި ވަޅެއް ކޮނެ ނައީމާ މަރާލަން ބޭނުންކުރި ވަޅިއާއި ބައެއް އެހެން ސަމާނު ނައްތާލަން މަސައްކަތް ކޮށްފައިވާތީ ހެކި ނައްތާލަން މަސައްކަތް ކޮށްފައިވާތި އެވެ. މީގެ އިތުރުން މައްޔިތާއަށް އިހާނެތި ކުށެއް ކުރި ކަމުގެ ދައުވާވެސް މިމީހުންގެ މައްޗަށް ކުރެ އެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މި މީހުންގެ މައްޗަށް ދައުވާކޮށްދޭން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާނެ ކަމަށެވެ.
ޝަމީމް ވިދާޅުވީ ހެކީގެ ގޮތުގައި ޑީއެންއޭއާ އެހެނިހެން ބައެއް ހެކި ލިބިފައި އެބަހުރި ކަމަށެވެ. ޕީޖީ އޮފީހަށް މިހާތަނަށް ލިބިފައި ހުރި ހެކިތަކުގެ މައްޗަށް ބަލާ އެމީހުންގެ މައްޗަށް މި ތިން ދައުވާ ވެސް ސާބިތު ކުރެވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.