ހިނގަމުން މި އަންނަ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ވެސް ބޯމަތިވަނީ އެވެ. އަހަރު ނިމެން 30 ދުވަހަށްވިއިރު ގިނަ އާއިލާ ތަކުގެ މެދުގައި މިހާރު ކުރެވޭ މަޝްވަރާއަކަށް ވާނީ ލިބޭ ޗުއްޓީ ހޭދަކުރާނެ ގޮތެކެވެ.

ޑިސެމްބަރު މަހުގެ ފަހުކޮޅާ ދިމާކޮށް ލިބޭ ދިހަަވަރަކަށް ދުވަހުގެ މިޗުއްޓީއަކީ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން ދަރިވަރުންގެ ސިކުނޑިތައް ތާޒާކޮށްލައި އާ ޓާމަކަށް ތައްޔާރުވާން ލިބޭ ފުރުސަތެކެވެ.

ވީއިރު މި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކޮށް ޗުއްޓީ އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަކުރުމަކީ މައިންބަފައިން ދަރިންނަށް ކޮށްދިނުން އެދެވިގެންވާ ކަމެކެވެ.

ދިވެހިންނަކީ ޗުއްޓީތަކާ ދިމާކޮށް ރާއްޖެއިން ބޭރަށް ދިއުމުގެ ސަގާފަތެއް ގެންގުޅޭ ބައެކެވެ. ޗުއްޓީތަކަށް ހާއްސަކޮށް އެއާލައިންތަކުން އަޅުވާ ޕްރޮމޯޝަންތަކާއެކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފްލައިޓްތައް ފުރެ އެވެ.

ބޭރުގެ ގައުމުތަކަށް ބަލާއިރު ދިވެހިން އެންމެ ގިނައިން ޒިއާރަތްކޮށް އުޅޭ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ތައިލެންޑް އަދި މެލޭޝިއާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.

މީގެ އިތުރުން މަދު މަދުން ނަމަވެސް އިރުމަތީ އޭޝިއާއާއި ޔޫރަޕްގެ ގައުމުތައް ތަޖުރިބާ ކޮށްލަން ބޭނުންވާ އާއިލާތައް ވެސް މިހާރު އުޅެ އެވެ.

އެހެން ނަމަވެސް ހަމަ ކޮންމެ އާއިލާއަކީ ރާއްޖެއިން ބޭރަށް ދިއުމުގެ ތަނަވަސްކަން ލިބިފައިވާ އާއިލާއަކަށް ނުވެދާނެ އެވެ. އެ ފަދަ އާއިލާތަކަށް ވެސް ޗުއްޓީ ހޭދަކޮށްލުމަށް ފުރުސަތު އޮވެ އެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ އެތައް ރަށެއް އޮންނައިރު ކުރިން ގޮސްފައިނުވާ އާ ރަށަކަށް ގޮސް އެ ރަށުގެ ތަޖުރިބާ ކޮށްލުމަކީ ކުރެވިދާނެ ކަމެކެވެ. އެކަމަށްޓަކައި އެރަށުގައި ރައްޓެހިން ނުވަތަ ތިމާގެ މީހުން އުޅޭކަށް ނުޖެހެ އެވެ.

ރާއްޖޭގެ ރަށްތަކުގައި ގެސްޓް ހައުސް ވިޔަފާރި ފެށިގެން ކުރިއަށް ދާއިރު ބީރައްޓެހި ރަށަކަށް ގޮސް އެގެސްޓް ހައުސްގައި ހުރެ ކުރެވޭ ތަޖުރިބާއަކީ ވެސް ތަފާތު ތަޖުރިބާއަކަށްވާނެ އެވެ.

ދިވެހި ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް ބަލާއިރު މިއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ބުނެވިދާނެ އެވެ. ރާއްޖެއިން ބޭރަށް ގޮސް ފައިސާ ބޭރުކުރުމުގެ ބަދަލުގައި ރާއްޖެތެރޭގެ ރަށަކަށް ގޮސް އެ ފައިސާ ގައުމުގެ އެތެރޭގައި ދައުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެހެން ކަމުން ކުރިއަށް އޮތް ޗުއްޓީގައި ކުރާނެ ކަމެއް ރޭވުމުގެ ކުރިން މިކަމަށް ވިސްނައި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދަށުން ރާއްޖެތެރޭގެ ރަށަކަށް ދިއުމާމެދު ފިކުރު ކޮށްލުުން ރަނގަޅުވާނެ އެވެ.