ހެނދުނު ހޭލާއިރު ކަންބޮޑުވާ ކަންކަމާމެދު ވިސްނާ ސްޓްރެސްވެފައި އަދި ބަނޑުގައި ވެސް ރިއްސާތީ އުޅޭ މީހުން މަދެއް ނޫނެވެ. ސްޓްރެސްވުމަކީ ހަމައެކަނި ނަފުސާނީ ހާލަތު ގޯސްވީކަމުގައި ދެކިގެން ނިންމާލެވޭވަރު ކަމެއް ނޫނެވެ. ސިކުނޑިއަށް ބުރަވެ ޚާއްސަކޮށް ކަންބޮޑުވާ ޒާތުގެ ކަންކަން ގިނަވެ އުޅުމަކީ ނަފުސާނީ ސިއްހަތުގެ އިތުރުން ޚަޖަމު ކުރުމުގެ ނިޒާމަށާއި ސިއްހަތައް ވެސް އަސަރުކުރާ ކަމެކެވެ. މިކަން ހިނގާގޮތަށް ބަލާލައި ދަނެގަތުމަކީ ސިއްހަތައްޓަކައި މުހިންމުކަމެކެވެ. އަހަރުމެންގެ ހަށިގަނޑު ހިނގާގޮތް އެނގުމަކީ ވެސް މުހިންމު ކަމެކެވެ.
ސިކުނޑިއާއި ގޮހޮރުގެ ގުޅުމާމެދު ސައިންސްގެ އަލީގައި ހޯދިފައިވާ ހޯދުންތައް ވަރަށް ވެސް ގިނަ އެވެ. ދެ ހޯދުމެއް ތައާރަޒުނުވާ ވަރަށް މިކަމުގެ ހެކިތަކާއެކު ސައިންސްވެރިންގެ ހޯދުންތަކުން ސިކުނޑިއާއި ގޮހޮރުގެ ގުޅުން ސާބިތުވެ އެވެ.
"ގަޓް-ބްރެއިން އެކްސިސް"ގެ ގޮތުގައި ބަލާ މިނިޒާމަކީ ގޮހޮރާއި ސިކުނޑީގެ މެދުގައި ހިނގާ މުއާމަލާތެވެ. މި ދެ ގުނަވަނުގެ މެދުގައި ހިނގާ މުއާމާލާތްތައް ހިނގަނީ ނާރުތަކުގެ ނިޒާމުގެ ތެރެއިންނާއި، ދިފާއީ ނިޒާމުގެ ތެރެއިންނާއި އަދި ހޯމޯން ނިޒާމު ވެސް ހިމެނިގެންނެވެ. ސިކުނޑިއާއި ގޮހޮރު ގުޅުވައިދޭ "ވެގަސް" ނާރުން މި ދެ ގުނަވަނުގެ މެދުގައި މުއާމަލާތު ހިންގަނީ ހައިރާންވާ ވަރުގެ ނިޒާމެއްގެ ތެރެއިންނެވެ. މިއިން އަންގައިދެނީ މިއިން އެއްވެސް ގުނަވަނަކަށް ބުރަބޮޑުވާ ވަރަށް ކަންބޮޑުވެއްޖެނަމަ ދެ ގުނަވަނުގެ އާންމު ދައުރަށް ބަދަލުތައް އަންނަކަމެވެ.
ސްޓްރެސްގެ މައްސަލައާއި ބަނޑުހަރުވުމާއި ބަނޑުގައި ރިއްސުމަކީ ކޮންމެ މީހަކު ވެސް މާޔޫސްވެ ކަންބޮޑުވާނެ މައްސަލަތަކެކެވެ. ނަފުސާނީ މިމައްސަލައިގެ ސަބަބުން ޖިސްމާނީ މައްސަލަތަކެއް ނިކުތަ ނުދިނުމަށް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ފަސޭހައިން ކުރެވިދާނެ ކަންކަމަކީ ރަނގަޅަށް ހަމަނިދީގައި އެކަށީގެންވާ ވަރަށް ކޮންމެ ރެއަކު ވެސް ނިދުމާއި ކެއުމުގައި ފައިދާހުރި ތަކެތި ހިމަނައިގެން ކެއުން ބައްޓަން ކުރުމާއި އިތުބާރުހުރި ރަގަޅު ސަޕްލިމެންޓެއް ބޭނުންކޮށްގެން ހަށިގަނޑުހިނގުމުގެ ނިޒާމް ހަމަޔަކަށް އެޅުވުމެވެ.
އަހަރުމެންގެ ޖިސްމާނީ އަދި ނަފުސާނީ ނިޒާމް ރަގަޅުކުރުމަށް އޮތް އެންމެ މޮޅު ގޮތަކީ ކެއުން ރަގަޅުކުރުމާއި މަދުން ނަމަވެސް ގަވައިދަކުން ކޮންމެ ދުވަހަކު ވެސް ކަސްރަތުގެ ކަމެއް ކުރުމެވެ. އެއީ ކޮންމެހެން މޮޅު ތައްޔާރީތަކަކާއެކު ވަކިތަނަކަށް ގޮސް ކުރަންޖެހޭ ކަމެއް ނޫނެވެ. ހިނގާލަން ފަސޭހަ ޓެނިހަކަށް އަރައިގެން 30 މިނިޓު ނޫނީ 45 ވަރަކަށް މިނިޓް އެއްމިނެއްގައި ކޮންމެ ދުވަހަކު ނުވަތަ ދެދުވަހުން އެއްދުވަހު ހިނގަން ދިއުމުން އެ ފަށައިގަނެވުނީ ސިއްހަތު ރަގަޅުކުރުމުގެ ދަތުރެވެ. މިކަމުގެ ނަތީޖާ ފެންނާނީ މެދުނުކެނޑި އާދަކޮށް ކުރާ ދިރިއުޅުމުގެ ކަމެއްގެގޮތުގައި މިކަން ހަދައިގެންނެވެ.
ކުރިންވެސް ބުނިފަދައިން ސްޓްރެސްވުމުގެ ސަބަބުން ދިމާވާ އެކިއެކި މައްސަލައިގެ ތެރޭގައި ބަނޑުގެ މައްސަލަތައް ހިމެނެއެވެ. އޭގެ ތެރޭގައި ބަނޑުހައިވުން ވެސް ހިމެނެއެވެ. މީގެ އިތުރުން ޚަޖަމުގެ ދައުރަށް ހުރަސް އެޅެއެވެ. ގިނައިން ކާން ބޭނުންވުމުގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތަކުގެ މަސްގަނޑު ހަރުކަށިވެ ބައެއް ތަދު އިހުސާސް ކުރަންޖެހެއެވެ. ބަނޑުހަރުވުމުގެ ހަމައެކަނި ސަބަބަކީ ސްޓްރެސްކަމުގައި ނުވިނަމަވެސް ކުރިން ބުނިފަދައިން މިކަމުގެ ސަބަބުން ގޮހޮރަށް ދިމާވާ ކަންކަމުގެ ތެރޭގައި ބަނޑުހަރުވުން ބޮޑު މައްސަލައެއްގެ ގޮތުގައި ހިމެނެއެވެ. ސްޓެރެސްގެ ސަބަބުން ބަނޑުގައި ބަލިކަން އިހުސާސްވެ ޚަޖަމުކުރުމަށް މައްސަލަ ދިމާވެއެވެ.
ގަޓް-ބްރެއިން އެކްސިސް އާއިމެދު އެންމެ ގިނަ ތަހުލީލުތައްކުރާ ނިއުރޯސައިންޓިސްޓް އަދި ގެސްޓްރޯއެންޓެރޮލޮޖިސްޓް ޑރ. އެމެރަން މޭޔަރގެ ހޯދުންތަކާމެދު 2015 ގެ ޖާނަލްގައި ނެރުނު ރިޕޯޓު ބަޔާންކުރާ ގޮތުން މި ނާޒުކު ނިޒާމުގައި މައްސަލަ ދިމާވުމުން ވިސްނުމުގެ ފެންވަރަށާއި މުޅި ސިއްހަތަށް އެތަކެއް ނޭދެވޭ އަސަރު ކުރެއެވެ. މިއިން އެނގެނީ ގޮހޮރުގައިވާ މައިކްރޯބައޯޓާ އާއި މުޅި ނާރުގެ ނިޒާމް ރައްކާތެރިކޮށް ހުންނާނެ ގޮތުގެމަތީން ކެއުމާއި އާންމު ދިރިއުޅުމުގެ ވައްޓަފާޅި ގެންގުޅުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ އަސާސްކަމެވެ.
ދިގު މުއްދަތައް ސްޓްރެސްގެ މައްސަލަ ހައްލު ނުކުރެވި ދެމިގެން ގޮސްފިނަމަ ދިމާވާ އެންމެ ބޮޑު އަނެއް މައްސަލައަކީ އިންފްލެމޭޓަރީ ބަވަލް ޑިސީސް (އައި.ބީ.އެސް) ގެ ސަބަބުން އުފެދޭ އެތަކެއް ބައްޔެއް ފެށުމެވެ. އޭގެ ތެރޭގައި ގޮހޮރު ފާރުވުމުގެ ސަބަބުން މައިކްރޯ ބައޯޓާއަށް ގެއްލުންލިބި ސީދާ ލޭގެ ނިޒާމަށް ވިހަ މާއްދާތައް ގޮސް ބޭހުން ރަގަޅު ނުކުރެވޭކަމުގައި ބެލެވޭ "އޮޓޯއިމިއުން" މައްސަލަތައް ފެށުން ހިމެނެއެވެ. ކުރިން ވެސް ބުނިފަދައިން މިކަމުގައި އޮތީ ކެއުން ރަގަޅުކުރުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ޚާއްސަކޮށް މިފަދަ ހާލަތަކަށް ދިއުމުން ކެއުން ހުއްޓާލަން ޖެހޭ ބާވަތްތައް ދަނެގަނެ އެއިންދުރުވުމާއި ކޮންމެހެން ކާންޖެހޭ ކެއުން ކެއުމަށް ބަދަލުކުރުމެވެ. ފަރުވާ ކުޑަކޮށް ކެވޭ ކާނާގައި ވެސް ހުރިނަމަ ހުރި ވިޓަމިން ފަދަ މާއްދާތަކުން ހަށިގަނޑަށް ލިބެންވާ މަންފާ ވެސް މިހާލަތުގައި ނުލިބެއެވެ. މިކަމާމެދު ގިނަ އަދަދެއްގެ ހޯދުން ހޯދި ޑރ. އެރިކް ބާރގް ޑީސީ ބުނާގޮތުގައި ސްޓެރެސް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ޖެހިދާނެ ބަލިތަކުގެ ތެރޭގައި ގޮހޮރު ފާރުވުން، ހިތުގެ ބަލިތައް ނުވަތަ ހާރޓްއެޓޭކް ޖެހުން، ކަށީގެބަލިތައް، ހައިބްލަޑް ޕްރެޝަރ، ޑިޕްރެޝަން، އެންޒައިޓީ ފަދަ ބަލިތައް ހިމެނެއެވެ. އަދި ހަމަ އެފަދައިން މިދެންނެވި ސްޓްރެސްގެ ހާލަތުގައި ހަށިގަނޑުން މެގްނީސިއަމް، ޒިންކް، ތިއަމައިން (ވިޓަމިން ބީ1)، ޕޮޓޭސިއަމް، ވިޓަމިން ބީ5 ، އެމައިނޯ އެސިޑް، ކެލްސިއަމް، ވިޓަމިން ޑީ އަދި ވިޓަމިން ސީ އުނިކުރެއެވެ.
މިހާލަތުގައި ސިއްހަތު ގޯސްވާނެ ވަރު އަހަރުމެން ވިސްނާލީމަ ތަސައްވަރު ކުރެވޭނެ އެވެ. އަދި މިކަން ރަގަޅު ކުރުމުގައި ރަގަޅު މަގު އިޚުތިޔާރު ނުކުރެވިއްޖެނަމަ ދެން އުޅެންޖެހޭނެ ގޮތް ވެސް ވިސްނާލައިފި ކޮންމެ މީހަކަށް ތަސައްވަރު ކުރެވޭނެއެވެ. މިމައްސަލަ ހައްލުކުރުން އުނދަގޫވާ ހިސާބަށް ނުދަނީސް ތިމާގެ އަމިއްލަ ވިސްނުމުން ވިސްނައިގެން ކުރެވިދާނެ ކަންކަން މިހާރު އެނގެއެވެ. މިކަމުން ސަލާމަތްވުމަށް އޮތް އެންމެ މޮޅުގޮތަކީ ސިއްހަތައް ކަމުދާ ތަކެތިކެއުމާއި ރަނގަޅަށް ނިދުމާއި ކަސްރަތު ކުރުމެވެ. މިގޮތުގައި ރަގަޅަށް ހިފެހެއްޓިއްޖެނަމަ މިކަމުން ސަލާމަތްވެދާނެ ކަމާމެދު މިރޮނގުން ދިރާސާކުރާ ޑޮކްޓަރުންނާއި ސައިންޓިސްޓުން އިއްތިފާގުވެއެވެ. އެހެން ގޮތެއް ހޯދުމުގެ ކުރިން މިކަން ކުރަމާހިނގާށެވެ.