މިހާތަނަށް ރާއްޖޭގައި އެއިޑްސް ބަލި 40 މީހަކަށް ޖެހިފައިވާ ކަމަށާއި އޭގެ ތެރެއިން 15 މީހަކު އެބަލީގައި މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 40 މީހަކަށް އެއިޑްސް ޖެހިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 34 ފިރިހެނުންނެވެ. މިހާރުވެސް 22 މީހަކު ފަރުވާ ހޯދަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެވެ. 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް މިފަރުވާ އަންނަނީ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދެވޭ ފަރުވާއެކެވެ. އަދި އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާވެސް ރާއްޖެގައި ލިބެން ހުރެއެވެ.

މިއަހަރުގެ އަހަރުގެ އެއިޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ ލެޓް ކޮމިއުނިޓީސް ލީޑު، މި ޝިއާރެވެ. މި ޝިއާރުގެ މަގްސަދަކީ އެއިޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ.