އަންނަ މަހުން ފެށިގެން ހުކުރު ޚުތުބާ ޓީވީން ދައްކާ ވަގުތުގައި އިނގިރޭސި ތަރުޖަމާއާ އެކު ގެނެސްދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ސީނިއާ މެނޭޖްމަންޓް ބައްދަލުވުމުގައި ޚުތުބާގެ ކަންކަމުގައި މަޝްވަރާކުރުމަށް ފަހު މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރާއްޖޭގެ މިސްކިތްތަކުގައި ޚުތުބާތައް ގެންދާނީ ދިވެހި ބަހުންކަމަށެވެ. އެހެން ނަމަވެސް ޚުޠުބާގެ ތަރުޖަމާ އެހެން ބަސްބަހުން އޮންލައިންކޮށް ލިބޭނެ ގޮތް ހައްދަވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ. އަދި އަންނަ މަހުން ފެށިގެން ލައިވްކޮށް ޓީވީން ޚުތުބާ ގެނެސްދޭ ވަގުތުގައި އިނގިރޭސިން ސަބްޓައިޓަލް އަރާނެގޮތަށް އިންތިޒާމްކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އިޝާރާތުގެ ބަހުން ވެސް ޚުތުބާ ލައިވްކޮށް ގެނެސްދޭނެ ކަމަށެވެ. އަދި ރާއްޖެގައި އުޅޭ ބިދޭސީ މަސައްކަތްތެރިން އިޖްތިމާއީ މިންގަނޑުތަކާއި އަޚްލާގަށް ހޭލުންތެރިކަން އިތުރުކުރުމަށް އެ ޤައުމުތަކުގެ އިދާރާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ، ރާއްޖެ އަކީ ގިނަ އަދަދެއްގެ ބިދޭސީ މުސްލިމުން އުޅޭ ގައުމަކަށް ވާތީ، މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ހުތުބާ ކިޔުމާ މެދު އާންމުންގެ ހިޔާލަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް ގިނަ ބަޔަކު ހިޔާލު ހުށަހެޅިއިރު، އިނގިރޭސި ބަހުން ހުތުބާ ކިއުމަކީ ރަނގަޅު ކަމެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަމަވެސް، ރާއްޖޭގެ މިސްކިތްތަކުގައި ހުތުބާ ދޭންވާނީ ދިވެހި ބަހުން ކަމަށް ބުނެ ވެސް ހިޔާލު ހުށަހަޅާފައިވެ އެވެ. ގިނަ ބައެއްގެ ހިޔާލާ އެއްގޮތަށް ދިވެހި ބަހުން ޙުތުބާ ކުރިއަށް ގެންދިޔުމަށް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.