ގިނަ އަދަދެއްގެ ބަޔަކު ކުށުގެ ރެކޯޑު ސާފުކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށައެޅުމުން އެއޮފީހުގެ ހިދުމަތަކަށް ބުރޫއަރައިފި އެވެ.

ޕީޖީ އޮފީހަށް ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު ސާފގުކުރުމަށް ހުށައެޅީ ފެނަކާގެ ހުރިހާ މުވައްޒަފުންގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެކުންފުނިން އެންގުމުންނެވެ.

ޕީޖީ އޮފީހުން ބުނީ އިއްޔެ އެކަނިވެސް ފެނަކާގެ 3930 މުވައްޒަފަކު ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށައަޅާފައިވާ ކަމަށެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ކުށުގެ ރެކޯޑު ސާފުކުރުމަށް ހުށައެޅި ދުވަސް ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. އެއީ ގާތްގަނޑަކަށް އެ އިދާރާއަށް އަހަރަކު ހުށަހަޅާ ޖުމްލަ ފޯމުގެ 30 ޕަސަންޓް އެވެ. އެކަމަކު ފެނަކަ އިން ހުށަހެޅި ފޯމުތަކުގެ ތެރެއިން 3،419 ފޯމުގެ ރެކޯޑް ސާފުކޮށްދީފައިވާ ކަމަށާއި އެއީ މުވައްޒަފުން ރޭގަނޑުވެސް އޮފީހުގައި މަސައްކަތްކޮށްގެން ވީވަރު ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކުރުމަށް އެދި، އޮންލައިންކޮށް ހުށަހަޅާ މައްސަލަތަކުގައި އާންމުގޮތެއްގައި އެއް ދުވަހުގެ ތެރޭގައި ރެކޯޑު ސާފުކޮށްދޭ ކަމަށެވެ. އެހެން ނަމަވެސް އެހާ ގިނަ ބަޔަކު އެއް ފަހަރާ ފޯމް ހުށައެޅުމުން އެއޮފީހުގެ މަސައްކަތްތަކަށް ބުރޫ އަރަފައިވާ ކަމަށެވެ.

"މިއީ ދެމެހެއްޓެނިވި ކަމަކަށް ނުވާތީ، މިދުވަސްކޮޅު ރެކޯޑު ސާފުކޮށްދިނުން ހިނގާނީ ރަސްމީ މަސައްކަތު ވަގުތަގައި އެކަނިކަމުގައި ހަމަޖައްސައިފީމެވެ. ކޮންމެ ދުވަހަކުވެސް ރަސްމީ ވަގުތު ނިމެންދެން އެދުވަހަކަށް ސާފުކޮށްދެވުނު ވަރަކަށް ސާފުކޮށްދޭނަމެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު އަނެއްކާވެސް ފަށާނީ،" ޕީޖީ އޮފީހުން ބުންޏެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ މިހާރު އޮތް ފޯމުތައް ކުޑައަޑިވުމުން، ކުރިންވެސް ހިދުމަތް ދެމުން ގެންދިޔަގޮތަށް ދުވަހުން ދުވަހަށް ފޯމުތައް ސާފުކޮށްދެމުން ދާނެ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އާންމު ގޮތެއްގައި އަހަރަކު 13،000 ފޯމުގެ ކުށުގެ ރެކޯޑް ސާފުކޮށްދޭ ކަމަށެވެ.