ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލައި މަކަރާ ހީލަތް ހެދުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކުރާ އިރު، އައްމަޓީ ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭ ގޮތަށް އޭނާގެ ޕާސްޕޯޓް މީގެކުރިން އޮތީ ހިފަހައްޓައިފަ އެވެ.

އައްމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އައްމަޓީގެ މެޑިކަލް ލިޔުންތަކަށް ބަލާއިރު، އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ލަފާދީފައިވާކަން އެނގެން އޮންނަ އިރު، މައިބަދައިގެ އޮޕަރޭޝަނަކީ އޭގެ ޒާތުގައި ސީރިއަސް އޮޕަރޭޝަނެއް ކަމަށް ބެލެވޭ ކަމަށެވެ.

އައްމަޓީގެ އާއިލާ ދިރިއުޅެނީ ވެސް ސްރީ ލަންކާގައި ކަން އޭނާ ފާހަގަކޮށްފައިވާތީ އާއިލާ ކައިރީގައި ހުރެގެން ފަރުވާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ޕާސްޕޯޓް މަނާކުރަން ނެރެފައިވާ އަމުރު ވަގުތީ ގޮތުން ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އަމުރު ސަސްޕެންޑް ކުރީ އިއްޔެ އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ 11:00 އާ ހަމައަށެވެ.

އައްމަޓީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

އައްމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެންމެ ފަހުން އޭނާ ހައްޔަރު ކުރީ ސްރީލަންކާގައި ދިރިއުޅެނިކޮށް ފެބްރުއަރީ 2021 ގަ އެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.