ދިވެހިންގެ ތެރޭގައި "ދަރޭ"ގެ ނަމުން މަގުބޫލުވެފައިވާ ދަރްމެންދްރާއަކީ އިންޑިއާގައި ވެސް އެންމެ މަގުބޫލު ވެޓެރަން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.

މިދިޔަ ހުކުރު ދުވަހަކީ ދަރްމެންދްރާގެ 88 ވަނަ އުފަން ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި އޭނާގެ އާއިލާއާއި ބޮލީވުޑް ތަރިންގެ އިތުރުން އާއްމުން އަންނަނީ މިއަދާ ހަމައަށް ވެސް އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ދަރްމެންދްރާއަށް ތަހުނިޔާ ކިޔާފައިވަނީ އޭނާގެ ދަރިން ކަމަށްވާ ސަނީ ޑިއޯލްއާއި ބޮބީ ޑިއޯލުގެ އިތުރުން އީޝާ ޑިއޯލް އެވެ. ހަމައެއާއެކު އަންހެނުން ހެމާ މާލިނީ ވެސް ވަނީ ސޯޝަލު މީޑިއާގައި ޕޯސްޓެއް ކޮށްފަ އެވެ.

މި ތަރިންގެ ތަހުނިޔާގެ ޕޯސްޓުތަކަށް މީޑިއާއާއި އާއްމުންގެ ސަމާލުކަން ލިބުނުއިރު ގިނަ އަދަދެއްގެ މީހުން އަންނަނީ އެ ޕޯސްޓުތަކަށް ކޮމެންޓްކޮށް ޝެއާ ކުރަމުންނެވެ.

އާއިލާގެ އިތުރުން ދާއިރާގައި މަސައްކަތްކުރާ ދަރުމެންދްރާގެ އެކުވެރިން ވެސް ވަނީ އޭނާއަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފަ އެވެ.

މި އަހަރަކީ ޑިއޯލް އާއިލާއަށް ވަރަށް ކާމިޔާބު އަހަރެކޭ ބުނެވިދާނެ އެވެ. ސަނީގެ ފިލްމު "ގަދަރް 2" ބްލޮކްބަސްޓާއަކަށްވީއިރު ބޮބީގެ ފިލްމް "އެނިމަލް"އަށް ބޮޑު ކާމިޔާބީތަކެއް އަންނަނީ ލިބެމުންނެވެ.

ދަރްމެންދްރާގެ ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާލާއިރު އެންމެ ފާހަގަ ކޮށްލެވެނީ ސަނީއާއި ބޮބީގެ އިތުރުން ކާފަ ދަރިފުޅު ކަރަން ޑިއޯލްއާއެކު ފެނިގެންދާނެ "އަޕްނޭ 2" އެވެ.