ނިންޖަކީ ކޮންމެ މީހަކަށްވެސް އެމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު އެއްޗެކެވެ. އަދި ސިކުނޑި ތާޒާ ކޮށްލުމަށާއި ޖެހިގެން އަންނަ ދުވަހަށް ތައްޔާރުވާން ވެސް ނިންޖަކީ މުހިންމު އެއްޗެކެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، ނިދާ ތަނެއްގެ ގޮތުންވެސް ނިދުމަށް އަސަރުކޮށްފާނެ އެވެ. އެގޮތުން ފާރުގެ ކުލައާއި އެނދު ކައިރީގައި ހުންނަ ފަރުނީޗަރު އަދި އޭގެ މަތީގައި ހުންނަ އެއްޗެހިވެސް ބައެއް ފަހަރު ނިންޖަށް އުނދަގޫ ކުރެ އެވެ.

ތަޖުރިބާކާރުން ބުނާގޮތުން ނިދާ ކޮޓަރި ރީތިކުރަން ވާނީ އެ މީހާގެ ނިންޖަށް އެންމެ އަރާމުވާ ގޮތަށެވެ. އެގޮތުން ކޮޓަރީގެ ފިނި ހޫނުމިން ބަހައްޓަންވާނީ ނިދާފައި އޮންނަ އިރު ހޫނު އަރައި ދާ ނުހިއްލާ ވަރަށް، އަދި މާ ބޮޑަށް ފިނިނުވާ މިނެއްގަ އެވެ.

އެމީހުން ދެކޭގޮތުގައި އެންމެ އެކަށީގެންވާ ފިނިހޫނު މިނަކީ 18 ޑިގްރީ ސެލްސިއަސްއެވެ. ނަމަވެސް އެ މީހަކަށް އެންމެ ކަމުދާ މިންވަރަކަށް ފިނިހޫނުމިން ބަދަލުކުރުމަށް ލަފާދެ އެވެ.

ނިދާ ގަޑީގައި ފޯނު އަދި ލެޕްޓޮޕް ކައިރީގައި ބެހެއްޓުމަކީ ބައެއް މީހުންގެ އާދަ އެކެވެ. ހާއްސަކޮށް ފޯނަކީ ގިނަ މިހުން ނިދެންދެންވެސް ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް ނިދާ ގަޑީގައި ފޯނު އަދި ލެޕްޓޮޕް އެނދުމައްޗަށް ނުގެންދިއުމަށް ތަޖުރިބާކާރުން ލަފާދެ އެވެ. ސަބަބަކީ އެ ތަކެތީގައި ހުންނަ ބްލޫ ލައިޓްގެ ސަބަބުން ނިންޖަށް އަސަރުކުރާތީ އެވެ.

ހަމައެގޮތަށް، ކުޑަދޮތުތަކުން ލިބޭ އަލި ހުއްޓުވަން ކުރަން ގަދަ ކުލަކުލައިގެ ފަރުދާ ބޭނުންކުރުން އެދެވިގެންވާއިރު ކޮޓަރީގައި ބަހައްޓަން ވާނީ ވަރަށް ފަނޑު އައްޔެއް ކަމަށް އެމީހުން ބުނެ އެވެ.

ކޮޓަރިތެރެ ސާފު ނުކޮށް އޮތުމުންވެސް ނިދުމަށް އަސަރުކުރާ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. އެގޮތުން، ނިދާ ގަޑީގައި އެ ތަންނަން ނުފެނުނަސް، ނިންޖަށް އަސަރުކުރާ ކަމަށާއި އެންމެ ރަނގަޅު ގޮތަކީ ތަން ސާފުކޮށްފައި ނިދަން އޮށޯތުން ކަމަށް ބުނެވެ އެވެ.

އޭގެ އިތުރުން އެނދުގައި އަޅާ ބެޑްޝީޓާއި ގެންގުޅޭ ބާލީސްވެސް ބަހައްޓަންވާނީ އެމީހަކަށް އެންމެ ފަސޭހަ ގޮތަކަށެވެ. އެގޮތުން ތަންކޮޅެއް ހޫނު ކޮޓަރިއެއްގައި ނިދާ މީހެއް ނަމަ ކޮޓަން، ސިލްކް ނުވަތަ ބެމްބޫ ފަދަ އެއްޗަކުން ހަދާފައި ހުންނަ ބެޑްޝީޓް ބޭނުން ކުރުން ރަނގަޅެވެ.

މި ގޮތުގެ މަތިން ކޮންމެ މީހަކަށް ވެސް ރޭގަނޑުގެ އަރާމު ނިދި ލިބޭނެ އެވެ.