ޒުވާން އިމާމުންނަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ސާނަވީ އަދި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދުކޮށް ހުތުބާކިއުމުގެ ހުއްދަ ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ސްކޫލު ނިންމާ ދަރިވަރުންނަށް ހުކުރު ނަމާދުކޮށް ހުތުބާކިއުމުގެ ހުއްދަ ދެއްވުމަށް ނިންމީ ޒުވާން އިމާމުންނާއި ޚަޠީބުންނަށް ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ގްރޭޑު 10، 11 އަދި 12 ގެ ދަރިވަރުންގެ ތެރެއިން ރީތިކޮށް ޤުރުއާން ކިޔަވާ، ނަމާދުގެ ފިޤުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާކިއުމުގެ ހުއްދަ ދެއްވުމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން ހުތުބާ ކިޔުމުގެ ހުއްދަ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެއްވަނީ ވަކި ސަނަދަކާ އެކުއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ހުކުރު ހުތުބާ ޓީވީން ދައްކާއިރު، އޭގެ އިނގިރޭސި ތަރުޖަމާ ފެންނަގޮތަށް ހެދުމަށް ވެސް ނިންމަވައިފަ އެވެ. އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން، ޓީވީން ހުތުބާ ދައްކާއިރު، އިނގިރޭސި ސަބްޓައިޓަލް އެރުވުމަށް އެވުޒާރާއިން ވަނީ ނިންމަވައިފަ އެވެ.