ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންނަށް ދެ ބޭފުޅުން މިއަދު އައްޔަންކޮށްފި އެވެ.

ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އެއް ބޭފުޅަކީ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިހާބީ އޭޖެންޓުގެ ގޮތުގައި މަސައްކަތް ކުރެއްވި އިބްރާހިމް ނާއިފެވެ. ނާއިފްގެ އިތުރުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ހުސެއިން ޒުހުރީ އެވެ.

ނާއިފަކީ ވިޔަފާރި ދާއިރާއިން ބޮޑު ކުރިއެރުމެއް ހޯއްދަވާފައިވާ މުއިއްޒު އާ އެކީ ވަރަށް ގާތުން މަސައްކަތް ކުރައްވައި އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

ނާއިފް ވަނީ މީގެ ކުރިން ލ.އަތޮޅު ކައުންސިލްގެ އިތުރުން އެސްޓީއޯ ފޮނަދޫ ބޭސް ފިހާރައިގަވެސް މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވަނީ އައްޔަން ކުރައްވައިފަ އެވެ.

ފެނަކަ ކޯޕަރޭޝަންއަކީ ކުރީ ސަރުކާރު ނިމުނުއިރު ވަރަށް ބޮޑަށް ދަރަނިވެރި ވެފައިވާ ކުންފުންޏެކެވެ. ފެނަކާއާ ގުޅޭ 75 މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައި މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ދަރަނީގެ ތެރެއިން އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ ހުރި އިރު، 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ އެވެ. މި ފައިސާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތްވެ އެވެ.