މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ހާސިލްކޮށް، 1.8 މިލިއަން ވަނަ ޓޫރިސްޓަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ނެލަދޭންޑްސްއަށް ނިސްބަތްވާ ސްޓެފާން މަތިޖްސް އެވެ. އޭނާ ރާއްޖެއައީ އޭނާގެ އަންހެނުންނާއި ދެ ކުދިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި 1.8 މިލިއަން ވަނަ ޓޫރިސްޓު އައުން ފާހަގަކޮށް މަރުހަބާކީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބައެއް ފަރާތަކެވެ.

މިއަދު ރާއްޖެ އައީ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ސަލާމް ކުރައްވަނީ

ރާއްޖެއަށް މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިއިރު މިދިޔަ އަހަރު 1.6 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. ދެ ވަނައިގައި އިންޑިއާ އުޅޭއިރު ތިން ވަނައިގައި އުޅެނީ ޗައިނާ އެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކަގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1،135 ތަނެއް ވަނީ ހުޅުވާފަ އެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސްތަކާއި އަދި ސަފާރީތައް ހިމެނެ އެވެ. މިހުރިހައި ތަނެއް އެއްކޮށްލުމުން ފަތުރުވެރިންނަށް ހިދުމަތްދިނުމަށް ނެރެފައިވާ އެނދުގެ އަދަދު 61،207 އަށް އަރަ އެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ ދެ މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފަ އެވެ.