މިއަހަރު ބޮލީވުޑްގައި ތަފާތު ކާމިޔާބު ފިލްމުތަކެއް ރިލީޒްކުރި އަހަރެކެވެ. ހުރިހާ ގޮތަކުންވެސް ހިންދީ ސިނަމާއަށް ކާމިޔާބު އަހަރެއް ކަމުގައި މި އަހަރު ފާހަގަކޮށްލެވޭއިރު، ސިނަމާތަކުގައި އެޅުވުމަށްފަހު ފިލްމުތައް މިހާރު އަންނަނީ މަޝްހޫރު ސްޓްރީމިންގް ޕްލެޓްފޯމުތަކާއި ޗެނަލްތަކުގައިވެސް އަޅުވަމުންނެވެ.
އެގޮތުން ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވަނީސް މި އަހަރުގެ އެންމެ ކާމިޔާބު ސުޕާ ހިޓް ފިލްމުތަކުގެ ތެރޭގައި ހިމެނޭ 02 ފިލްމު ކަމުގައިވާ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަދި "ގަދަރް 2" މިވަނީ ޓީވީ ސްކްރީންތަކަށް ޕްރިމިއަރ ވުމަށް ތައްޔާރުވެފަ އެވެ. މީޑިއާނެޓުގެ ކަސްޓަމަރުންނަށް މި ދެފިލްމުވެސް މީޑިއާނެޓުގެ ޗެނަލްތައް މެދުވެރިކޮށް ބަލާލެވޭނެ އެވެ.
ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ
ހިންދީ ސިނަމާގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރ ކަމުގައިވާ ކަރަން ޖޯހަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގަ އެވެ. ސިނަމާތަކުގައި 355 ކުރޯރުގެ ވިޔަފާރިއެއްކޮށް ބޮކްސް އޮފީހުގެ 9 ވަނައިގައި އޮތް މި ފިލްމު ވަނީ އެމެޒަން ޕްރައިމް ސްޓްރީމިންގް ސާރވިސްގައި ވެސް ރިލީޒްކޮށްފަ އެވެ.
ލޯބީގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ހަރަކާތްތެރިވަނީ މިވަގުތު ހިންދީ ސިނަމާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އަދި ރަންވީރު ސިންގްއެވެ. މި ފިލްމަށާއި މި ފިލްމުގެ ލަވަތަކަށްވަނީ ގިނަ ބަޔެއްގެ ތަރުޚީބު ލިބިފައިކަން ފާހަގަކޮށްލެވެ އެވެ.
މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 24 ޑިސެމްބަރު ވަނަ ދުވަހުގެ ރޭ 19:30 ގައި ކަލާރޒް ސިނެޕްލެކްސް އެޗްޑީ (މީޑިއާނެޓް ޗެނަލް 860) އިންނެވެ.
ގަދަރް 2
2001 ވަނަ އަހަރު ނިކުތް ފިލްމު ގަދަރް 1 ރިލީޒްކުރިތާ 22 އަހަރުފަހުން ގަދަރް 2 ސިނަމާތަކަށް ރިލީޒްކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. 691 ކުރޯރު ރުޕީޒް ސިނަމާތަކުން މި ފިލްމު ހޯދާފައިވާއިރު މިއީ މިއަހަރުގެ 4 ވަނައަށް އެންމެ ކާމިޔާބު ފިލްމުކަން ފާހަގަކޮށްލެވެ އެވެ.
ސުޕާ ހިޓް މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ މި ފިލްމުގެ ފުރަތަމަ ބައިގައި މީގެ 22 އަހަރު ކުރިންވެސް ފެނިގެންދިޔަ ސަނީ ޑިއޯލް އަދި އަމީޝާ ޕަޓޭލް އެވެ. 1971 ވަނަ އަހަރުގެ އިންޑިއާ-ޕާކިސްތާނު ހަނގުރާމަ ތެރެއިން އާއިލާ އާއި ގައުމިއްޔަތު ދިފާއުކުރަން މަސައްކަތްކުރާ މަންޒަރުތައް ދައްކުވައިދޭ ލޯބީގެ ރީތި ލަވަތަކެއްވެސް ހިމެނޭ މި ފިލްމަކީ އިންޑިއާގެ ގިނަ ބައެއްގެ މަގްބޫލުކަން ލިބި ސުޕަރ ހިޓަކަށް ވެގެންގޮއްސައިވާ ފިލްމެކެވެ.
މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ 31 ޑިސެމްބަރު ވަނަ ދުވަހުގެ ހެނދުނު 11:30 އަދި ރޭގަނޑު 20:30 ގައި ޒީ ޓީވީ އެޗްޑީ (މީޑިއާނެޓު ޗެނަލް 852) އިންނެވެ.
މީޑިއާނެޓުން އަންނަނީ އަޕްގްރޭޑް އެންޑް ވިން ގެ ނަމުގައި 31 ޑިސެމްބަރުގެ ނިޔަލަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދަމުންކަން ވެސް ފާހަގަކޮށްލެވެ އެވެ. ސަބްސްކްރައިބް ކުރައްވާ މީޑިއާނެޓު ޕެކޭޖު އަޕްގްރޭޑް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި 3 ފަރާތަކަށް ޚާއްސަ އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އައިފޯން 15 ޕްރޯ މޯބައިލް ފޯނު، ޓީސީއެލް 55 އިންޗީގެ ޓީވީ އަދި ސެމްސަންގް ސައުންޑްބާރ ސިސްޓަމް ހިމެނެ އެވެ.