ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓެއް ބްލޮކު ކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ.

ސަރުކާރުން ބްލޮކް ކޮށްލާފައިވާ ދެ ވެބްސައިޓަކީ "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އެވެ. މި ދެ ވެބްސައިޓަށް ރޭއިން ފެށިގެން ނުވަދެވެ އެވެ.

މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މި ވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.

އެ މިނިސްޓްރީ އަދި އެ އޮތޯރިޓީގެ ރަސްމީ ބަހެއް މިކަމުގައި މިހާތަނަށް ލިބިފައި ނުވެ އެވެ.

ބްލޮކް ކޮށްފައިވާ ވެބްސައިޓް

ރޭ އެ ދެ ވެބްސައިޓު ވެސް ބްލޮކް ކުރި ހަބަރާ އެކު، އެމްޑީޕީގެ ޗެޕާސަން ފައްޔާޒު އިސްމާއިލް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ހަބަރު ފަތުރާ ވެބްސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ނުރައްކާތެރި ސިގްނަލެއް ކަމަށެވެ. އަދި އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އެމްޑީޕީގެ އިތުރުން، އާންމުންގެ ގިނަ ބަޔަކު ވެސް ސޯޝަލް މީޑިއާގައި ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، މިއީ މިނިވަންކަމާ އެކު ހިޔާލު ފާޅުކުރުމާ ދެކޮޅަށް އެޅި ފިޔަވަޅެއްގެ އިތުރުން، މިއަށް ފަހު ސީދާ ނޫސްވެރިންނާއި ނޫސްތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅަން ސަރުކާރުން ފަސްނުޖެހޭނެ ކަމުގެ ސިގްނަލެއްގެ ގޮތުގައި ވެސް ބައެއް މީހުން މި ނިންމުން ސިފަކޮށްފައިވެ އެވެ.

މިއީ ކޮން ބައެއް ހިންގާ ވެބްސައިޓުތަކެއްކަން މިހާތަނަށް އެނގިފައި ނުވާއިރު މިފަދަ އެތައް ވެބްސައިޓެއް ރާއްޖޭގައި މީގެކުރިން ވެސް ހިންގާފައިވެ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކޮށް ނުވަދެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.

މި ދެ ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދާފައި މިވަނީ ބަރަހަނާ ވެބްސައިޓްތައް ބްލޮކްކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.