ސަރުކާރަށް ފާޑު ކިއުމުގެ މިނިވަން ކަން ތަންމިނަށް އޮންނަން ޖެހޭ ކަމަށާއި ދިވެހިބަހުން ލިޔެ ޝާއިއު ކުރާ ބައެއް ވެބްސައިޓުތަކާއި ނޫސްތައް ބްލޮކް ކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، ޚިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައި އަސާސީ ހައްގެއް ކަމަށެވެ.

ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެމްޑީޕީން އަބަދުމެ ވަކާލާތު ކުރާ މަގެއް ކަމަށާއި އެއީ ދިވެހި އެތައް ރައްޔިތުންނާއި ޕާޓީން ގުރުބާންވެގެން ހޯދި ހައްގުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެމްޑީޕީގެ ކުރީގެ ދެ ވެރިކަމުގައިވެސް ރައްޔިތުންގެ އަސާސީ ހައްގުތައް ވަކީން ހާއްސަކޮށް ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ފުރިހަމައަށް ކަށަވަރުކޮށްދެވުނެވެ. ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ އެވެ. މީޑިއާތަކަށް ބިރު ދައްކައި ފިޔަވަޅު އެޅުމަކީ ހުދުމުހުތާރު ދައުލަތެއްގެ ސިފައެކެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.

"ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހެއެވެ. ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާ ތަނެވެ."

އެމްޑީޕީގެ ބަޔާން ނިންމާލަމުން ވަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ.