އެއް އިރެއްގައި ބޮލީވުޑްގެ ސުޕަސްޓާ ޝާހްރުކް ޚާންއަކީ މީޑިއާއާ ވަރަށް ރަހުމަތްތެރި ތަރި އެކެވެ. ގަވާއިދުން އޭނާ މީޑިއާއަށް އިންޓަވިއު ދީ ހެދި އެވެ.
އެހެން ނަމަވެސް 2018 ވަނަ އަހަރު ނުކުތް ޝާހުގެ ފިލްމު "ޒީރޯ"އަށްފަހު އޭނާ އުޅުނީ މީޑިއާއާ ވަރަށް ދުރު ދުރުންނެވެ. ސީދާ އޭނާގެ އިންޓަވިއުއެއް މިވީ ފަސް އަހަރު ދުވަހުގެ ތެރޭގައި މީޑިއާއަށް ލިބިފައެއް ނުވެ އެވެ.
އެހެން ކަމުން ޝާހްރުކް ޚާންއާ ކުރަން ބޭނުން ސުވާލުތައް ފޮނުވަން އޭނާގެ އެންމެ ފަހުގެ ފިލްމު "ޑަންކީ"ގެ މާކެޓިން ޓީމުން މީޑިއާތަކަށް އެންގުމުން އެކަންވީ ހައިރާން ކުރުވަނިވި ކަަމަކަށެވެ.
ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ރާޖް ކުމާރު ހިރާނީ އާ ވެސް ކުރަން ބޭނުން ސުވާލުތައް ފޮނުވަން އެ ޓީމުން ބުނިއިރު މީޑިއާތަކުން ވަނީ އެގޮތަށް ކަންތައް ކޮށްފަ އެވެ.
އެގޮތުގެ މަތިން އެންމެ ފަހުން ޝާހްރުކް ޚާންގެ އިންޓަވިއުއެއް މިވަނީ މީޑިއާއަށް ލިބިފަ އެވެ. އެ އިންޓަވިއުގައި އޭނާ ވަނީ ޑަންކީއާއި ފިލްމީ ދާއިރާގެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އޭނާ ބުނީ ފިލްމުތަކަކީ ޑައިރެކްޓަރުންގެ މަސައްކަތް ކަމަށާއި އެކްޓަރުންނަކީ ޑައިރެކްޓަރުންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ.
"ޑަންކީ" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު މިއަހަރު ނުކުތް ޝާހުގެ އެހެން ދެ ފިލްމާ އަޅާބަލާއިރު މި ފިލްމަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ.