ފާއިތުވި ފަސް އަހަރު ތެރޭގައި ގިނަ މުވައްޒަފުންތަަަކެއް ނަގާފައިވުމުން މުސާރައަށް ކުރާ ހޭދަ އިތުރުވުމުން ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށާއި މުސާރައަށް ކުރާ ހޭދަ ކުޑަނުކޮށް ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވީ ފެނަކައިގައި ވަރަށް ގިނަ އަދަދަކަށް މުވައްޒަފުން އެބަތިބި ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރު ނިމުނު އިރު އެ ކުންފުނީގައި ތިބީ 2،700 ސްޓާފުން ތިބި ނަމަވެސް އާ މެނޭޖްމެންޓުން ފެނަކައާ ހަވާލުވި އިރު މުވައްޒަފުންގެ އަދަދު 8،100 އަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކަ އިން ކުރީގައި މުސާރައިގެ ގޮތުގައި އެވްރެޖްކޮށް މަހަކަށް 20 މިލިއަން ރުފިޔާ ހޭދަކުރި ނަމަވެސް މިހާރު އެވްރެޖުކޮށް 74 މިލިއަން ރުފިޔާ މަހަކަށް ހޭދަކުރަންޖެހިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

މުއާޒު ވިދާޅުވީ ކޮންޓްރެކްޓު މުވައްޒަފުންގެ ކޮންޓްރެކްޓު އާނުކޮށް ދޫކޮށްލަން މަޖުބޫރުވި ސަބަބަކީ ވެސް އެއީ ކަމަށާއި އަދި ކޮންޓްރެކްޓަށް މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓުތަކަކީ އެކަށީގެންވާ ގޮތަށް ހިންގަމުންދާ ޕްރޮޖެކްޓްތަކެއް ވެސް ނޫން ކަމަށެވެ.

"މުވައްޒަފުންގެ އަދަދުތަކަށް ބަލާއިރު، ވޭޖް (މުސާރަ)އަށް ކުރިން ހޭދަ ކުރަން ޖެހެނީ 20 މިލިއަން ރުފިޔާ، މިހާރު އެވްރެޖްކޮށް މަހެއްގެ މައްޗަށް ހޭދަ ކުރަން ޖެހޭ 74 މިލިއަން ރުފިޔާ، އެންމެ ފަހުން މުސާރަ ދިން އިރުވެސް 79 މިލިއަން ރުފިޔާ އަޅުގަނޑުމެން ހޭދަ ކުރަން ޖެހުން، ކޮންޓްރެކްޓް ހަމަވުމުން 904 މުވައްޒަފުން ދޫކޮށްލުމުން ވެސް، ޕޭ ރޯލްއިން 5.3 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވޭ،" މުއާޒް ވިދާޅުވި އެވެ.

މުއާޒު ވަނީ އާ މެނޭޖްމެންޓުން މިހާތަނަށް ކުރި މަސައްކަތުން ވެސް ޕޭރޯލުން ފަސް މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. ކުންފުނީގެ ހާލަތު މިހާ ހިސާބަށް ދިޔުމުގައި ހުރިހާ ދިމާލަކުން ވެސް ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެކަންކަމާ ގުޅޭ އޮޑިޓެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. އެއަށްފަހު މައްސަލަތައް ތަހުގީގުކުރަން ފޮނުވައި، ދައުވާކުރަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށް މުއާޒު ވިދާޅުވި އެވެ.

މީގެ އިތުރުން މުއާޒު ވަނީ ފެނަކައިގައި ހިންގާފައިވާ ކޮރަޕްޝަނަށް މަގުފަހިވާ އަދި ކުންފުންޏަށް ގެއްލުންވާނެހެން ހިންގާފައިވާ ކަންކަމުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރަންވާފަ އެވެ.

އެގޮތުން ޕްރޮކިއުމަންޓް އުސޫލެއް ކުންފުނީގައި އޮތްއިރު، އެ އުސޫލާއި ހިލާފަށް ނުއަގުގައި ކުންފުންޏަށް މުދަލާއި ހިދުމަތް ހޯދާފައިވާކަމަށް މުއާޒް ވިދާޅުވި އެވެ.

"އެމާޖެންސީކޮށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަންދޭ. އެހެންނަމަވެސް ސަލާމަތްކުރެވޭނެ ހަރަދުތައްނަމަވެސް އެމަރޖެންސީކޮށް ޕްރޮކިޔޯކޮށްފައިވަނީ. އެއީ ވަރަށް ހަރަދު ބޮޑު ގޮތެއް." މުއާޒް ވިދާޅުވި އެވެ.

މުޢާޒް ވިދާޅުވީ، ނިމިދިޔަ 2022 ގައި އެކަނިވެސް އެމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މިއީ ދުރަލާ ރާވާލެވިގެން ކުރިއަށްގެންދިޔަނަމަ ސަލާމަތްކުރެވޭނެ ހަރަދުތަކެއްކަން މުޢާޒް ފާހަގަކުރެއްވި އެވެ.

އިމަރޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި ގިނަ އަދަދެއްގެ މުދާ ގަނެފައިވާއިރު މީގެތެރޭގައި އެންމެ ގިނައިން ގަނެފައިވަނީ ޖެނެރޭޓަރު ސެޓުތަކާއި ކޭބަލްތައްކަން ފެނަކައިން ފާހަގަ ކުރެއްވި އެވެ. އަދި މިގޮތަށް ގަނެފައިވާ މުދަލަކީވެސް އެންމެ އެކަށީގެންވާ ގޮތުގައި ކޮށްފައިވާ ހޭދައެއް ނޫންކަމަށް ފެނަކައިން ބުނެ އެވެ. އެގޮތުން 37.6 ކިލޯމީޓަރުގެ ކޭބަލް ގަތުމަށް 815 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފެނަކައިން ބުނެ އެވެ.

ފެނަކަ ކޯޕަރޭޝަންގެ ތެރޭގައި ވަރަށް ގޯސްކޮށް ކަންކަން ކޮށްފައި ހުރުމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާވެސް ގިނަ ކުންފުނިތަކަށް ވީއެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.