އުމުރުން 50 އަހަރު މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދައިން އަހަރަކު ދެ ފަހަރަ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ދިވެހި ރައްޔިތުންނަށް ހިލޭ މެޑިކަލް ޗެކަޕް ހެދުމަށް އިންތިޒާމް ހަމަޖައްސަވާދެއްވުމަކީ ރައީސް ޑރ. މުއްމަދު މުއިއްޒުގެ ވައުދެކެވެ. މިއީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަގުސަދުގައި ސަރުކާރުން ފެއްޓެވި ހިދުމަތެކެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތުދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ޕްރޮގްރާމްގެ މަގްސަދަކީ ބޮޑެތި ބަލިތައް ކުރިއާލާ ދެނެގަނެ އެކަމަށް އެންމެ އެކަށީގެންވާ ފަރުވާ އަވަހަށް ލިބިދެވޭނެ މަގުފަހިކުރުމާއި، ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން އިތުރުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ސަޤާފަތެއް އަށަގެންނެވުމާއި، އަދި ދިރިއުޅުމުގެ އާދަކާދައާއި ވައްޓަފާޅިއަށް ބަދަލުގެނެސް ބަލިތަކުން ރައްކާތެރިވެތިބުމަށް ސަމާލުކަންދޭ ޖީލެއް ބިނާކުރުން ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ ވިދާޅުވީ މެޑިކަލް ޗެކަޕް ތައާރަފުކުރީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، މެޑިކަލް ޗެކަޕްގެ ޕެކޭޖުތައް ހަދާފައި ވަނީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ބޮޑެތި ބަލިތައް ދުރާލައި ދެނެގެނެވޭނެ ގޮތަށް ކަމަށެވެ.

މި ޗެކަޕްގެ ޕެކޭޖުތައް އެކުލަވައިލުމުގައި ވޭތުވެދިޔަ ތިން އަހަރު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުންގެ އަދަދާއި އުމުރުފުރާގެ މައްޗަށް ބަލާފައިވާ ކަމަށާއި، އަދި އެކަމަށް ފަންނީ ބޭފުޅުންގެ ލަފާ ހޯދި ކަމަށް ވެސް ޒީނިޔާ ވިދާޅުވި އެވެ.

ޒީނިޔާ ވިދާޅުވީ މިއަދު މެޑިކަލް ޗެކަޕް ހަދަން ފަށާފައިވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ކަމަށެވެ. އަދި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި 19 އަހަރުން ދަށުގެ ކުދިންނަށް މި ހިދުމަތް ފެށޭނީ 1 އޭޕްރިލް 2024 ގަ އެވެ. އަދި 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ފެށޭނީ 1 ޖުލައި 2024 ގަ އެވެ.

ޒީނިޔާ ވިދާޅުވީ ފުރަތަމަ މެޑިކަލް ޗެކަޕް ހެދުމަށް ފަހު، ދެ ވަނަ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ޑޮކްޓަރު ލަފާދެއްވާ ފަރާތްތަކަށް އަހަރުތެރޭގައި ދެ ވަނަ ފަހަރަށް މި ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މި ހިދުމަތް ލިބޭ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ތެރޭގައި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ރީޖަނަލް ހޮސްޕިޓަލްތަކާއި އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިމެނެ އެވެ. އެތަންތަނަށް ގުޅައި މެޑިކަލް ޗެކަޕް ހެދުމަށް ނަންނޯޓު ކުރުމުން އެ ހިދުމަތް ލިބޭނެ އެވެ.