މާލެއިން 110 މީހުންނާއެކު މުޅި ރާއްޖެއިން 137 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައުދުން ޕޮޒިޓިވްވީ 110 މީހުންނެވެ. އަދި އަތޮޅުތެރެއިން 20 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ ހަތް މީހަކު ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 137 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 16،547 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،014 ގައި މިހާރު ހުރިއިރު 14،472 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހަފްތާގައި ރާއްޖޭގައި ކޮވިޑަށް ވެކްސިން ދޭން ފަށައި، މިއަދު ވަނީ 1،003 މީހަކަށް ވެކްސިން ދީފަ އެވެ. މިހާތަނަށް ރާއްޖޭގައި ޖުމްލަ 4،269 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 3،573 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ.

މިހާރު ރާއްޖޭގައި 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެކްސިން ދޭން ވަނީ ފަށާފަ އެވެ.