މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތަށް ކެންސަރު ބަލި ޖެހިފައި ހުރި ކަން އެނގުނީ މިދިޔަ އަހަރުގެ ލޮކްޑައުން ތެރޭގަ އެވެ. ލަސްނުކޮށް ސަންޖޭ ނިންމީ ކީމޯތެރަޕީ ފެށުމަށެވެ. ފަރުވާ އަށް ފަހު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ ވަނީ ސަވައިވާއެއްގެ ގޮތުގައި އެނބުރި މުޖުތަމައަށް ނުކުމެފަ އެވެ. ކުޑަ ޗުއްޓީއަކަށް ފަހު އޭނާ ވަނީ އެނބުރި ފިލްމުތަކުގެ މަސައްކަތް ފަށާފަ އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި ސަންޖޭ ބެއްލެވި ޑރ. ޖަލީލް ޕާކާ ވަނީ އެންމެ ފުރަތަމަ ކެންސަރު ޖެހިފައިހުރިކަން ސަންޖޭއަށް އެނގުމުން ކަންތައް ވީގޮތް ކިޔާދީފަ އެވެ.

"އެންމެ ފުރަތަމަ ސަންޖޭ ލިބުނީ ކުއްލި ޝޮކެއް. އޭނާ ރުޅިވެސް އައި. ބުނި ތިމަންނަ މިހާރު ވެސް ދިރިއުޅުމުގައި އެތައް ކަމެއް ތަހައްމަލް ކޮށްފީމޭ، އަނެއްކާ މިކަން އަހަންނަށް މިދިމާވީ ކީއްވެގެންހޭ؟" އެ ޑޮކްޓަރު ވިދާޅުވި އެވެ.

ޑރ. ޖަލީޖް އިތުރަށް ވިދާޅުވިގޮތުގައި ސަންޖޭ ވަނީ އަވަހަށް ފަރުވާ ފެށުމަށް ނިންމާފަ އެވެ.

"އަހަރެމެންގެ ހިސްޓޯޕެތެލޮޖީ ރިޕޯޓުތަކާއި އެހެން ޑޮކްޓަރުންގެ ވެސް ލަފާގެ މަތިން ސަންޖޭ އާއި އޭނާގެ އާއިލާއިން އިން ނިންމީ ކޯކިލާބެން އަންބާނީ ހޮސްޕިޓަލުން ކީމޯތެރަޕީ ފައްޓަން. އަހަންނަށް ހީވަނީ އަނިލް އަމްބާނީއާ ޓީނާ އަމްބާނީއަކީ ސަންޖޭގެ ރަހުމަތްތެރިން ހެން. އެހެން ނޫނަސް ބަލިމިހާ ފަރުވާ ހޯދާނީ އޭނާ ބޭނުންވާ ހޮސްޕިޓަލަކުން. އޭނާ ދިޔައީ އޭނާގެ ހާލު ބަރާބަރަށް އަހަރެމެންނަށް އަންގަމުން،" ޑރ. ޖަލީލް ވިދާޅުވި އެވެ.

ޑރ. ޖަލީލް ވަނީ ފަރުވާގެ ވަގުތުތަކުގައި ސަންޖޭ ދަތް ދެއްކި ހިތްވަރަށް ތައުރީފުކުރައްވާފަ އެވެ.