ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް އަލްވަދާއު ދެންނެވި މީހުންގެ ތެރޭގައި ކުރީ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހުންނެވުމުން ގިނަ ބަޔަކަށް އެކަން ފާހަގަވެއްޖެ އެވެ.
މިއީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން ރައީސް މުއިއްޒުގެ މިފަދަ އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރަވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރަކު މި ސަރުކާރުގެ އިސްވެރިން ހިމެނޭ އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.
ރައީސް މުއިއްޒު ފުރުވަން ނަހުލާ އެއާޕޯޓަށް ވަޑައިގެންނެވުމުން އެކަމަނާ ކުރައްވަން މިއުޅުއްވަނީ ކޮންކަމަކާ މެދު ގިނަ ބައެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރަކަށް ވެސް ނުވާތީ އެވެ.
ބައެއް މީޑިއާތުން ޚަބަރު ފަތުރާފައިވާ ގޮތުގައި ނަހުލާ ވަނީ މި ސަރުކާރުގެ މަތީ މަގާމަކަށް ވަޑައިގަތުމަށް ހުށަހަޅުއްވައިފަ އެވެ. ނަހުލާ ބޭނުންވެގެން އުޅޭ ކަމަށް ވަނީ އަލަށް އުފައްދާ ތުރުކީ އެމްބަސީގެ ސަފީރުކަން ނުވަތަ ސައުދީ ސަފީރު ކަމެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވަނީ މި ދެ ހުށަހެޅުމަށް ވެސް ދެކޮޅު ހައްދަވާފައި ކަމަށްވެ އެވެ.
ރައީސް މުއިއްޒު ރޭ ޗައިނާ އަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތް ވަގުތު އެމަނިކުފާނަށް އަލްވަދާއު ވިދާޅުވުމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އެއާޕޯޓަށް ވަޑައިގެން މުއިއްޒުއާ އެކަމަނާގެ ގޮތުގައި ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސްއެހެންވެ ނަހުލާ ދެން ވަނީ ހުޅުމާލެ ދެކުނު ދާއިރާ އަށް ރައްޔިތުންގެ މަޖިލީހަށް އޭނާ ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ. ހަމަ އެ ދާއިރާ އަށް ވަނީ މި ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ ބުނާ ކާނަލް މުހައްމަދު ނާޒިމްގެ އެމްއެންޕީގެ ފަރާތުން ކުރީގެ މިނިސްޓަރު ދުންޔާ މައުމޫން ވެސް ވާދަކުރައްވާނެކަން އިއުލާންކޮށްފަ އެވެ. އަދި ހަމ ޕީޕީއެމްގެ އިސް އެކްޓިވިސްޓެއް ކަމަށްވާ ސަމިއްޔާގެ ދަރިކަނބަލަކު ވާދަކުރާނެ ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.