ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ފިލްމު 'ދެރިޔާ'ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ޑައިރެކްޓުކުރާ ދެވަނަ ފިލްމު "ލަސްވިޔަސް"ގެ ޝޫޓިން ނިންމާލައިފި އެވެ.

ކެންސަރާ ހަނަގުރާކުރާ ކުޑަ އަންހެން ކުއްޖަކަށް ބިނާކޮށް ގެނެސްދޭ ފިލްމުގެ ޝޫޓިން ފެށީ 2022 ގެ މާޗްގަ އެވެ. "ލަސްވިޔަސް" ޝޫޓިން ނިމިފައިވާއިރު މިފިލްމު ބެލުންތެރިނަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލު މަހުގެ 12 ވަނަ ދުވަހު އެވެ.

މި އަހަރުގެ އެޕްރީލް 12 ގައި "ލަސްވިޔަސް" ޕްރީމިއާ ކުރާނެކަން އިއުލާންކޮށް، ފިލްމުގެ ޕޯސްޓަރުތަކެއް ވެސް ދާދި އާންމުކޮށްފައިވެ އެވެ. މީގެ ކާސްޓްގައި އަހުމަދު އީސަ (އާނަންދު)، ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަން، ވާޝިޔާ މުހައްމަދު، ރީކޯ މޫސާ މަނިކު އަދި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ފަދަ ތަރިން ހިމެނެ އެވެ.