މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) ގައި ލޭ ޓެސްޓުކުރުމަށް ފުރަތަމަ ފަހަރަށް, ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް މިއަދު ފަށައިފި އެވެ.
ރާއްޖޭގައި ލޭ އަޅައިދިނުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތައާރަފުކުރި މި ޒަމާނީ ޓެކްނޮލޮޖީއަކީ، ހަދިޔާކުރާ ލޭގައި ހުންނަ އެޗްއައިވީ އާއި ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ނުރައްކާތެރި ވައިރަސްތައް ދެނެގަތުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ އެންމެ މަތީ މިންގަނޑު ނުވަތަ "ގޯލްޑް ސްޓޭންޑަޑް" އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވި ގޮތުގައި، ސީދާ ވައިރަސްގެ ޑީއެންއޭ ނުވަތަ އާރުއެންއޭ ދެނެގަންނަ މި ޓެސްޓުގެ ސަބަބުން، ކުރިން ބޭނުންކުރި އެންޓިބޮޑީ ޓެސްޓުތަކާ ހިލާފަށް، ވައިރަސް ހަށިގަނޑަށް ވަންނަތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަލި ހުރިކަން ކަށަވަރުވެ "ވިންޑޯ ޕީރިއަޑް" ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
ގަވާއިދުން ލޭ އަޅަންޖެހޭ ތެލަސީމިއާ ކުދިންނަށް ލޭގެ ޒަރީއާއިން އިތުރު ބައްޔެއް ފެތުރުމުގެ ނުރައްކާ ބޮޑުއިރު، ނެޓް ޓެކްނޮލޮޖީގެ ސަބަބުން އެ ކުދިންނަށް އެންމެ ރައްކާތެރި ލޭ ލިބޭނެކަމުގެ ޔަގީންކަން ބޮޑުވެގެންދާނެ އެވެ. މާލެ ސިޓީގެ މައި ހޮސްޕިޓަލްތަކަށް ބޭނުންވާ ލޭ ފޯރުކޮށްދިނުމުގައި އެމްބީއެސްއިން މުހިންމު ދައުރެއް އަދާކުރާއިރު، ޒުވާނުންގެ ބޮޑު ތަރުހީބާއެކު ލޭ ހަދިޔާކުރާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.
ގައްޒާގައި 3،958 މާބަނޑު އަންހެނުން ބައިގެންދިޔަ
ފެންޝަން ފަންޑުގެ ހެޑް އޮފް އިންވެސްޓްމަންޓް އިސްތިއުފާ ދީފި
ބަރުދަން ލުއިކުރަން ސައްހަ ނޫން ތަކެތި ބޭނުން ނުކުރަން އެދެފި