މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ތިން މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

މާލޭގެ މޭޔަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމާ ގުޅިގެންނެވެ. މާފަންނު ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާގެ ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.

މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އާއި ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު ސައިފް ފާތިހް (އައިކޮ) އާއި އަމިއްލަ ގޮތުން ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއި ޝުއައިބު އަލީ އެވެ.

މާލޭގައި ވޯޓުލުން ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

މާލޭގެ އެކި ދާއިރާތަކުން ވޯޓު ދިނުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވެ އެވެ. މާލޭގެ ހުރިހާ ސްކޫލެއްގައި ހެން ވޯޓުލުމަށްޓަކައި ވޯޓު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.