ދިވެހިންގެ ތެރޭގައި ވެސް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ އިންޑިއާގެ ޒުވާން ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ އޭނާގެ ލޯބިވެރިޔާއާ ކައިވެނި ކޮށްފި އެވެ.
ސަނަމްއާއި އޭނާގެ ލޯބިވެރިޔާ، މޮޑެލް ޒުޗޮބިނީ ޓަންގޯއާ ކައިވެނި ކޮށްފައިވަނީ ނަގާލޭންޑްގައި އޮތް ކުޑަ ހަފްލާއެއްގައި ހަމައެކަނި އާއިލާއާއި ރައްޓެހިންގެ ހާޒިރުގަ އެވެ.
ކައިވެނީގެ ކުރިން އެ ދެމީހުން ގިނަ އަހަރުތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށް އިންޑިއާގެ ހަބަރުތައް ބުނާއިރު މީގެ ކުރިން ސަނަމްގެ ޒާތީ ދިރިއުޅުން އޮތީ ފަރުދާގެ ފުރަގަހުގަ އެވެ.
ކުރީގެ ހިންދީ ލަވަތައް ޒަމާނީ ކޮށްގެން އޭގެ އަސްލު ނުގެއްލޭ ގޮތަށް ރީމޭކްކުރާ ފަންނާނެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ސަނަމް ވަނީ ރާއްޖޭގައި ވެސް ބައެއް ޝޯތައް ދީފަ އެވެ.
އޭގެ އިތުރުން ސަނަމް ވަނީ ރާއްޖޭގެ ލަވަކިޔުންތެރިޔާ މީރާއާއެކު ވެސް ލަވައެއް ކިޔައި އާއްމުކޮށްފަ އެވެ. އެ ލަވައަށް ރާއްޖޭގެ އިތުރުން އިންޑިއާއިން ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.