މާލޭގައި އިއްޔެ ބޭއްވި އިންތިހާބުން މިހާރު ވެރިކަމުގައި ތިބި ޕީއެންސީގެ އިސްވެރިންނަށް ވަރަށް ބޮޑު މެސެޖެއް ދީފި އެވެ. މިހާތަނަށް އެ ޕާޓީން ބައިވެރިވި ކޮންމެ އިންތިހާބެއްގައި ބައިވެރިކުރި ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯ އާއި ހުސް ގޮނޑި މިފަހަރު ބައި އިލެކްޝަންގައި ނެތެވެ. އޭގެ ބަދަލުގައި ދެއްކީ މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯ އެވެ. އެކަމަކު އިއްޔެ ބޭއްވި އިންތިހާބުގެ ނަތީޖާއިން އެއް ކަމެއް ބުނެދީފި އެވެ.

މަކަރުވެރި ރޭވުމެއްގެ ތެރެއިން ޕީއެންސީގެ ޓިކެޓް ހޯދައިގެން ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރިތާ ދެމަހެއްހާ ދުވަސް ފަހުން ބޭއްވި އެންމެ ބޮޑު އިންތިހާބުން ޕީއެންސީން ނެރުނު އާޒިމާ ޝުކޫރު މިވަނީ ބޮޑު ބައްޔަކުން ބަލިވެފަ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ. މިއީ ސަރުކާރަށް ލިބުނު ލިބުނު ވަރަށް ހުތުރެކެވެ. މިއިން ދައްކައިދެނީ މިވީކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ސަރުކާރުގެ އޮފު ކެނޑިފައިވާ މިންވަރެވެ.

ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ވެރިރަށް މާލޭގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ ބަލިވުމުން އެ ޕާޓީގެ އިސްވެރިންނާއި ތާއީދުކުރާ މީހުންނަށް އެ ދިނީ ވަރަށް ބޮޑު މެސެޖެކެވެ. އެ އެ މެސެޖް އެ ބޭފުޅުންނަށް ސާފު ނުވިޔަސް އެނގޭ އެއް ކަމަކީ ޑރ. މުއިއްޒުއަކީ އިންތިހާބެއް ކާމިޔާބުކޮށްދެވޭ ވަރުގެ ލީޑަރެއް ނޫން ކަމެވެ. އަދި ރައީސް ޔާމީންއާ ނުލައި ލިބޭނެ މޮޅެއް ވެސް ނެތް ކަމެވެ.

ރައީސް ޔާމީންގެ ވަފާތެރިން ކަމަށް ހެދިގެން އުޅުނު ޕީޕީއެމް، ޕީއެންސީ ކުރިން ހިންގި އަބްދުއް ރަހީމް ރައީސް މުއިއްޒު ރައީސް ޔާމީންނަށް ހުސް ގޮނޑިއެއް ބަހައްޓާފައި.

ޕީއެންސީގެ އިސްވެރިން މި ހަގީގަތް ގަބޫލު ނުކުރި ނަމަވެސް ޕީއެންސީގައި ޑރ. މުއިއްޒަކީ ރައީސް ޔާމީނާ ވާދަކުރެވޭ ވަރުގެ ލީޑަރެއް ނޫނެވެ. އަދި އެވަރުގެ މަގުބޫލްކަމެއް ވެސް އޮތް ބޭފުޅެއް ނޫނެވެ. ވެރިކަން ލިބުމުން އެއީ ތިމާގެ މޮޅުކަމުން ލިބުނު އެއްޗެއް ކަމަށް ހީވިޔަސް ހަގީގަތް މިހާރު މިއޮތީ ފެންނާށެވެ. އޭރު ވެސް އިންތިހާބު ކާމިޔާބު ކުރެވުނީ ރައީސް ޔާމީންގެ ފޮޓޯފުޅާއި އެމަނިކުފާނުގެ "ހުސްގޮނޑިއެއް" ބަހައްޓައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުންނެވެ.

އެކަމަކު މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި ރައްޔިތުން ވަރަށް ބޮޑަށް ހޭލައިފިކަން އިއްޔެ ބޭއްވި އިންތިހާބުން އެނގިއްޖެ އެވެ. ޑރ. މުއިއްޒުމެން ދައްކާ މަކަރުވެރި ވާހަކަތަކަށް ރައްޔިތުން ދެނެއް ނުހެއްލޭނެކަން ބުނެދީފި އެވެ. އަދި ރައީސް ޔާމީންއާ ނުލައި ޕީއެންސީއަށް އިންތިހާބަކުން މޮޅުވުމަކީ ނާދިރު ކަމެއް ކަން ދައްކައިދީފިި އެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ރައްޔިތުން މި މެސެޖް މިއަށްވުރެ ވަރުގަދަކޮށް ޕީއެންސީއަށް ދޭނެ ކަމަށް ގަބޫލުކުރެވެ އެވެ.

ރައީސް ޔާމީން ވޯޓުލައްވަނީ.

ރައީސް ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑިއެއް ނެތި އަދިވެސް ޕީއެންސީ ވާނީ ބައްޔެވެ. މި ފަސް އަހަރުގެ ތެރޭގައި ދެން އެންމެ އަވަހަށް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެވެ. އިއްޔެގެ މި ނަތީޖާއިން އެ އިންތިހާބަށް ވެސް ހިޔަނި އެޅޭނެ އެވެ. އެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެނގެންވީ ކަމަކީ ރައީސް ޔާމީންގެ ތާއީދު ނުލިބި މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ ނާދިރުކަމެއް ކަމެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ ހޯދަން ސަރުކާރުން އަންނަނީ ފޫގަޅަމުންނެވެ. އެކަމަކު ނުފެންނަ އެއްޗަކީ ރައީސް ޔާމީން ބަންދުގައި ބަހައްޓާފައި، އެ އިންތިހާބަށް ނުކުމެއްޖެ ނަމަ މިހާރަށް ވުރެ ހުތުރު ބައްޔަކުން ބަލިވާ ތަނެވެ. މިއީ މިހާރު ނުވުމަށް ވުރެ ވުން ކައިރި ކަމެކެވެ. މި ފިލާވަޅުން އެއް ހަގީގަތް ގަބޫލުކުރަން ވެއްޖެ އެވެ. ރައީސް ޔާމީނާ ނުލައި ޕީއެންސީއަށް ކުރިމަގެއް ނެތް ކަމެކެވެ.