އަންނަ މާޗު މަހު އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 600 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
މިފަހަރުގެ މަޖިލިސް އިންތިޚާބު ރޯދަމަހާ ދިމާވާތީ ވޯޓުލާން ގިނަ ބަޔަކަށް ދާން އުނދަގޫވާނެތީ އާއި ކިއުގައި ތިބެންޖެހުމުން ދަތިވާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ވޯޓުލާން ދާ މީހުންނަށް ލުއި ގޮތްތައް ހޯދައިދީ، ވޯޓުލާ މީހުންގެ އަދަދު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރާނެ އެ ކޮމިޝަނުން ބުނެ އެވެ.
އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ޕީއެސްއެމްއަށް ވިދާޅުވެފައި ވަނީ އާންމުކޮށް މަޖިލިސް އިންތިޚާބުތަކުގައި ވޯޓު ލަނީ 70 އިންސައްތަ މީހުން ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި 19 ވަނަ މަޖިލިސް އިންތިޚާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް 1،000 އާއި 1،200 އާ ދެމެދުގެ އަދަދެއްގެ މީހުން ވޯޓުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ސަބަބުން ކިއުގައި ޖެހިގެން ތިބެން ޖެހޭ ވަގުތު އިތުރުވިއިރު، މިފަހަރު އެކަމަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ވޯޓު ފޮއްޓަކަށް ގިނަވަގެން ވޯޓު ލާނީ ހަސަތޭކަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައި. މިބަދަލުގެ ސަބަބުން ކިއުގައި ނުޖެހި ވޯޓުލުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިވުމުގެ އިތުރުން ވޯޓު ގުނުންވެސް އަވަސްވެގެންދާނެ،" ހަބީބް ވިދާޅުވި އެވެ. "އެގޮތުން ކޮންމެ ފޮއްޓެއް ވެސް އެއް ގަޑިއިރު ތެރޭގައި ގުނާ ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ."
މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚު އިއުލާން ކުރި ނަމަވެސް ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާން ނުކުރެ އެވެ. އާއްމުކޮށް އިންތިޚާބުތަކުގައި ވޯޓުލަނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.
މަޖިލިސް އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި 17 މާޗު ކަނޑައެޅީ އިންތިޚާބު، ރަމަޟާން މަހާ ދިމާވާތީއާއި ރަމަޟާން މަހުގެ ފަހުގެ ތާރީޚެއްގައި ބާއްވާނަމަ އިދާރީ ހުރަސްތަކެއް ހުރުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތައް ދިމާވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި އަލަށް 18 އަހަރު ފުރޭ މީހުންނާއެކު ޖުމްލަ 284،327 މީހުންނަށް ވޯޓުލުމުގެ ހައްގުލިބިފައިވެ އެވެ. އެއީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ.