ދިރިއުޅުމުގެ އެކި ކަންކަމުން ލިބޭ ހާސްކަން ފިލުވައިލުމަށްޓަކައި ހަށިގަނޑަށް ގެއްލުން ނުވާނެ ކޮންމެވެސް ކަހަލަ ކަސްރަތެއް ކުރުމަކީ މުހިންމު ކަމެކެވެ. ފެތުން، ނެށުން، ހިނގުން، ނުވަތަ ދުވުން މިއީވެސް ނަފުސާނީ ދުޅަހެޔޮކަމަށްޓަކައި ކުރެވިދާނެ ކަސްރަތުތަކެކެވެ. ބައެއް ކަހަލަ ކަސްރަތަކީ ކޮށްލަން ފަސޭހަ އަދި ހާސްކަން ފިލުވައިދޭ ކަސްރަތުތަކެކެވެ.

ހާސްވެ ކަންބޮޑުވާނަމަ، އެކަމުން އަރައިގަތުމަށް ކުރަންވީ އެންމެ ރަނގަޅު ކަމަކީ ކަސްރަތު ކުރަން ފެށުމެވެ. ދުވާލަކު މަދުވެގެން 20 މިނެޓް ހިނގުމަކީވެސް ސިކުނޑިއަށް ރަނގަޅު ކަސްރަތެެކެވެ. ވަކިން ޚާއްޞަކޮށް، ޕާކެއް ނުވަތަ ފެހި ގަސްތައް ހިމެނޭ ސަރަހައްދެއްގައި ހިނގައިލުމަކީ އޭގެ ފައިދާ ދެގުނަވާ ކަމެކެވެ.

ދިރާސާއަކުން ދައްކާގޮތުން ކޮންކްރީޓް މާހައުލެއްގައި ހިނގުމުގެ ބަދަލުގައި ފެހި މާހައުލެއްގައި ހިނގުމަކީ ނަފުސަށް ލިބިފައިވާ ފޫހިކަން ފިލުވައިލާ، މީހާގެ ސިކުނޑިއަށް އާރޯކަމާއި ތާޒާކަން ގެނުވައިދޭ ކަމެކެވެ. ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތުން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން، އާދަވެ ކޮންމެ ދުވަހަކު މަދުވެގެން ގަޑިއެއްހައި އިރު ހިނގައިލުމުން ހާސްވެ ކަންބޮޑުވުމުގެ އާއްމު މަރުޙަލާ 26 އިންސައްތައަށް ދަށްކޮށްދެއެވެ.

ދުވާލުގެ ވަގުތުގައި، ގިނައިރު ހިނގުމަށް އާދަކުރެވޭތޯ މަސައްކަތްކޮށްލާށެވެ. ކުރިން ބުނިހެން ފެހި މާހައުލެއްގެ ތެރޭގައެވެ. ހިނގުމަށް ހޭދަކުރާ ވަގުތުގައި ފޯނކޯލު ތަކާާއި މެސެޖްތަކުން ދުރުހެލިވުމަކީ މުހިންމު ކަމެއްކަން ހަނދާނުގައި ބަހައްޓާށެވެ.

ހާވާޑް ޔުނިވާސިޓީއިން ހެދި ދިރާސާގައި ދައްކާ ގޮތުން، ދުވާލަކު މަދުވެގެން 15 މިނެޓް ދުވުމަކީ ދުވާލަކު ގަޑިއެއްހައި އިރު ހިނގުމުން ލިބޭ ފައިދާތައް ލިއްބައިދޭނެ ކަމެކެވެ. އެހެން ދިރާސާއަކުން ދައްކާގޮތުން، އާދަވެ ދުވާމީހުންގެ ހަށިގަނޑުގައި ”އެންޑޯކެނަބިނޮއިޑްސް“ ހުންނަ މިންވަރު އިތުރުކޮށްދެ އެވެ. "އެންޑޯކެނަބިނޮއިޑްސް"އަކީ ހަށިގަނޑުގެ ނަފުސާނީ ހާލަތު އެއްވަރެއްގައި ހިފެހެއްޓުމަށާއި ބަލިތަކުން ދުރުހެލިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ހަފުތާއަކު ދެދުވަސް ނުވަތަ ތިން ދުވަހު ނަމަވެސް ކަސްރަތަށް ހިނގަން ނުވަތަ ދުވަން ދެވޭތޯ މަސައްކަތް ކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް ހިނގުމަށް ވިސްނުން ބަހައްޓާށެވެ. ފެހި މާހައުލެއްގައެވެ. ހުއްޓައިނުލާ އާދަކޮށް މިކަންކަން ކުރެވޭތޯ ބަލާށެވެ. ހާސްކަން ފިލައި، ހަށިގަނޑަށް އެނގުންވާން ފަށާނެ އެވެ.