ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ތެރޭގައި ބާއްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ކަންބޮޑުވުން ފާޅު ކުރައްވައި އިންތިހާބު ފަސްކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާއާ އިންތިހާބު ބާއްވާ ތާރީހު ދިމާވާ އިރު، ރޯދަ މަހު އިންތިހާބު ބާއްވާތީ އިދިކޮޅު އެމްޑީޕީން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ.

ޔާމީން އުފައްދަވަން މަސައްކަތް ކުރައްވާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފަ އެވެ.

އީސީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރިން ދެ ސަރުކާރެއްގައި ވަޒީރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ ޕީއެންއެފްގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އެއީ ރޯދަ މަސް ތެރޭގައި މިފަދަ އިންތިހާބެއް ބޭއްވުމުން ވޯޓުލާން ނުކުންނަ މީހުން ދަށްވެ، އިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާ މީހުންނަށް ވެސް ވަަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ.

މަލީހް ފާހަގަ ކުރެއްވި ގޮތުގައި ރޯދަ މަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ސިޔާސީ ބޮޑެތި ޕާޓީތަކުން ވެސް ދެކޮޅެވެ. އަދި އެ ޕާޓީތަކުގެ ވިސްނުމަކީ ވެސް ރޯދަ މަސް ނިންމާފައި އިންތިހާބު ބޭއްވުން ކަމުގައި އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެން އެދުނީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މި އިންތިހާބު ފަސްކޮށް ދެއްވައި ރޯދަ މަހަށް ފަހުގައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް." މަލީހު ވިދާޅުވި އެވެ.

ރޯދަ މަހުގެ ކުރީކޮޅު އިންތިހާބު ބޭއްވުމަށް އީސީން ނިންމާފައި ވަނީ ރޯދަ ނިމި އީދު ބަންދަށް ފަހު ފެށޭ ހަފްތާއަކީ އިސްލާހުކޮށްފައިވާ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރަށް ވެފައި، އެ ދުވަސްވަރު އިންތިހާބު ބޭއްވުމަށް ސްކޫލްތަކުގައި އިންތިހާބީ މަރުކަޒުތައް ގާއިމް ކުރުމަށް އެކަށީގެންވާ ތަންތަން ނުލިބޭނެތީ އެވެ.

ރޯދަ މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަން ވެސް އީސީން ފާހަގަ ކުރެ އެވެ.