ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންއެފް) ނަމުގައި ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭ ގޮތް ހެދުމަށް އެ ޕާޓީން އެދިއްޖެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފްތާއާ އިންތިހާބު ބާއްވާ ތާރީހު ދިމާވާ އިރު، ރޯދަ މަހު އިންތިހާބު ބާއްވާތީ ބައެއް ސިޔާސީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޕީއެންއެފް އުފެއްދެވުމުގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ވެސް މިއަދު އެ ކަންބޮޑުވުންތައް އީސީއާ ހިއްސާ ކުރެއްވި އެވެ.

އީސީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކުރިން ދެ ސަރުކާރެއްގައި ވަޒީރުކަން ކުރެއްވި މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ގިނަ އަދަދެއްގެ ގޮނޑިތަކަށް ޕީއެންއެފުން ވާދަކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، ޕީއެންއެފްގެ ނަމުގައި އިންތިހާބުގައި ވާދަކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އީސީގައި އެދިވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް އަޅުގަނޑުމެން ދެކޭ ނަޒަރުގައި. ޕާޓީގެ ލޯގޯ، ޕާޓީގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮތުމަކީ އަޅުގަނޑުމެން އެދޭ އެދުމެކޭ. އެއީ ރައީސް ޔާމީނަށް ތާއީދު ކުރައްވާ ބޭފުޅުން ވޯޓުލައްވަން ވަޑައިގަންނަވާ އިރު އެބޭފުޅުންނަށް ފަސޭހަ އިން އެކަން އެނގިގެންދާނެ ކަމަކަށްވާތީ،" މަލީހު ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވާ އިރު، އެ ޕާޓީން މިހާރު މަސައްކަތް ކުރަމުން އަންނަނީ ޕާޓީ އަށް ބޭނުންވާ 3،000 މެމްބަރުންގެ ފޯމް ހުށަހެޅުމަށެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީ ރަޖިސްޓްރީކޮށް ދޭނީ މެމްބަރުންގެ ފޯމް ހުށަހަޅައި އެ ފޯމްތަކުގެ ސައްހަ ކަން ކަށަވަރު ކުރުމަށް ފަހު އެވެ. އަދި އޭގެ ފަހުގައި ޕީއެންއެފުން އުފެއްދުމަށް ޖަލްސާ އެއް ބާއްވަން ޖެހޭ އިރު، އެ ޖަލްސާގައި މަދުވެގެން 300 މެމްބަރުން ބައިވެރިވާން މަޖުބޫރު ވާނެ އެވެ.

ޕީއެންއެފުން ބުނެފައި ވަނީ އެ ޕާޓީ އަށް ސޮއިކުރި މެމްބަރުންގެ ފޯމް ހުށަހަޅާނީ ޔާމީން މިނިވަންވުމުން ކަމަށެވެ. ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ މައްސަލައިގައި ޔާމީން މިހާރު ހުންނެވީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއްގަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވާ އިރު، އެ މައްސަލަ މިހާރު އޮތީ ހުކުމަކާ ހިސާބުގަ އެވެ.

މަލީހު ވިދާޅުވީ ޕީއެންއެފްގެ އެދުމަކަށް މެމްބަރުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަންގެ އޮންލައިން ޕޯޓަލަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި އެކަކަށް ވުރެ ގިނަ ބޭފުޅުންނަށް ފައުންޑަރުންގެ ގޮތުގައި ތިބެވޭ ގޮތަށް ވެސް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ކަން ވެސް މަލީހު ފާހަގަ ކުރެއްވި އެވެ.

"އެ ދެ ކަމަށް އަޅުގަނޑުމެން މަރުހަބާ ކިޔަން." މަލީހު ވިދާޅުވި އެވެ.