ހުޅުމާލޭގައި ފްލެޓްތަކެއް އަޅައި ދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ފައިސާ އަތުލައި މަކަރާ ހީލަތް ހެދުމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ސުޕްރީމް ކޯޓުން ބާތިލު ކޮށްފި އެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާއި ހަވާލުކުރުމުން އެ ފްލެޓް ވިއްކާނެ ކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުން ފައިސާ ނެގުމަށްފަހު ފްލެޓްތައް ވެސް ނާޅައި، އެ ފައިސާތަކަށް ހިޔާނާތްތެރިވި މައްސަލައިގައި އޭނާއާ ދެކޮޅަށް ހިޔާނާތުގެ ގިނަ ދައުވާތަކެއް ކޮށްފައި ވަނިކޮށް އައްމަޓީ ބޭސް ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރަން ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ މަހު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ. އެހެންވެ، އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އައްމަޓީ ރާއްޖެއިން ބޭރަށް ފުރުން މަނާކުރަން ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން އެންގި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނީ ޕާސްޕޯޓް ދޫކޮށްލުމާއި އައްމަޓީ ކޯޓަށް އެއްބާރުލުން ދެމުން ދިޔުމާއި ފިލުމުގެ އިހުތިމާލު ކްރިމިނަލް ކޯޓުން ގުޅުވި ގޮތް ސާފު ނުވާ ކަމަށެވެ. ކުށެއްގެ ތުހުމަތުގައި ކޯޓެއްގައި ދައުވާ އުފުލުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި، ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހަކު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލައިފި ނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

އައްމަޓީ ޝަރީއަތް ނިމެންދެން ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު އޭނާ މިހާރު ހުރީ ޝަރުތުތަކާ އެކު ދޫކޮށްލައިފަ އެވެ. އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

އައްމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ވެސް ނެރުނެވެ. އެންމެ ފަހުން އޭނާ ހައްޔަރު ކުރީ ސްރީލަންކާގައި ދިރިއުޅެނިކޮށް ފެބްރުއަރީ 2021 ގަ އެވެ.

ސީ ލައިފްގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި އަދި ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ވަނީ ސެޓްލްމަންޓް އެގްރީމެންޓެއް ހަދައި ކޯޓުން ބޭރުގައި މައްސަލަ ނިންމައިފަ އެވެ.