މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނު (މާނު) ގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން އިސްނަގައިގެން ބެލި މައްސަލައެއްގައި، ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އަބްދުﷲ މައުމޫން (މާނު) ހުންނެވި ދުވަސްވަރު ކައްކާ ގޭސް ބޭރުގެ ކުންފުންޏަކުން ހޯދުމުގެ މުއާމަލާތުގެ ތެރޭގައި ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން 3.1 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ތަހްގީގަށް ހޯދިފައިވާ ކަމަށެވެ.

"އަބްދުﷲ މައުމޫނު ރިޝްވަތުގެ ގޮތުގައި އެ ކުންފުނިން ޖުމްލަ 3,106,189.38 ރ. ނަގާފައިވާކަން ތަހުގީގަށް ހޯދާފައިވެ އެވެ. އަދި އެ ފައިސާ އޭނާއާ ގުޅުން އޮންނަކަމަށް ތުހުމަތު ކުރެވޭ އަދި އޭނާގެ އާއިލީ ބައެއް ފަރާތްތަކާއި ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް އެ ފައިސާ ޖަމާކޮށްފައިވެ އެވެ." އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މި މައްސަލާގައި އަބްދުﷲ މައުމޫންގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތުން ކުރާ ކަމަކާ ގުޅިގެން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ވަނީ އެދިފަ އެވެ. އަދ ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ކުށެއް ކުރަން އެދުމުގެ ދައުވާ އާއި ކުށެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕީޖީގައި އެދިފަ އެވެ.

މީގެ އިތުރުން މި މައްސަލައިގައި ހިމެނޭ 3,106,189 ރުފިޔާ އަނބުރާ ހޯދުމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ.