ބޮލީވުޑްއަކީ ކޮންމެ އަހަރަކު ވެސް ގިނަ ފިލްމުތަކެއް ނެރޭ ދާއިރާ އެކެވެ. ބައެއް ފިލްމުތައް ބޮޑު ކާމިޔާބީއެއް ހޯދާއިރު އަނެއްބައި ފިލްމުތަކަކީ ބެލުންތެރިންނަށް ކަމުނުގޮސް ޗޮކުން ދާ ފިލްމުތަކެވެ.
އެފަދަ ފިލްމުތަކުގައި ހަރަކާތްތެރިވާ ތަރިންނަކީ ވެސް އާއްމުންގެ މެދުގައި ގިނަ ފަހަރަށް އެހާ މަގުބޫލު ތަރިންނެއް ނޫނެވެ. އެއީ މަގުބޫލު ތަރިއެއް އުޅޭނަމަ އެ ފިލްމެއް ކާމިޔާބު ވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
އެހެން ނަމަވެސް ބޮލީވުޑްގައި އެންމެ ގިނަ ނާކާމިޔާބު ފިލްމުތައް ކުޅެފައިވާ ތަރިއަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ފަންނާނެކޭ ބުނުމުން ހައިރާން ވެދާނެ އެވެ. އެއީ އަކްޝޭ ކުމާރު ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް އެ ތަރިއަކީ އެހެން ފަންނާނެކެވެ.
ބޮލީވުޑްގެ ތާރީހުގައި ވެސް އެންމެ ގިނަ ފްލޮޕް ފިލްމުތައް ކުޅެފައިވަނީ 1980ގެ އަހަރުތަކުގައި ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި މިތުން ޗަކްރޮބޯތީ އެވެ. އޭނާގެ 180 ފިލްމު ފްލޮޕްވެފައިވެ އެވެ.
އަހަރުތަކަކަށް ދެމިގެންދިޔަ މިތުންގެ ކެރިއަރުގައި ޖުމްލަ 300 ފިލްމު ކުޅެދީފައިވާއިރު އޭގެ ތެރެއިން 50 ފިލްމަކީ "ހިޓް"ގެ ގޮތުގައި ބެލެވޭ ފިލްމުތަކެވެ.
އެހެން ނަމަވެސް އެ 300 ފިލްމުގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ގިނަ އަދަދެއް ކަމަށްވާ 180 ފިލްމު ފްލޮޕްވިއިރު އޭގެ ތެރެއިން 47 ފިލްމަކީ "ޑިޒާސްޓާ"ގެ ގޮތުގައި ބެލެވުނު ފިލްމުތަކެވެ. 1992 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ދެމެދު މިތުންގެ 33 ފިލްމެއް ޖެހިޖެހިގެން ފްލޮޕްވެފައިވެ އެވެ.
ބޮލީވުޑްގައި ފްލޮޕް ފިލްމުތައް ކުޅުނު އެކްޓަރުންގެ ލިސްޓުގެ އެންމެ ފުލުގައި އުޅެނީ 24 ފިލްމާއެކު ޝާހްރުކް ޚާނާއި 29 ފިލްމާއެކު ދިލިޕް ކުމާރެވެ. މިއީ ބޮލީވުޑްގައި އެންމެ މަދުން ފްލޮޕްވި ތަރިންނެވެ.