ރާއްޖެއަށް އާމްދަނީ ހޯދޭނެ ގޮތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ހޯދިފައި ނުވާ ކަމަށާއި އަބަދުވެސް މި ދެކެވެނީ ހަރަދެއް ކުރާ ވާހަކަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޔާމީން ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމާއި އިއުލާން ކުރާ ކަންކަމުން ހައްތަހާ ވެސް ފެންނަނީ ރައްޔިތުންގެ ހެވާއި ލާބައަށް ކުރާ ކަންކަން ކަމަށާއި އެކަންކަމާ ދޭތެރޭގައި ޝައްކު ނުކުރައްވާ ކަމަށެވެ. ނަމަވެސް ހައްތަހާ ވެސް ފެންނަނީ ހަރަދު ކުރާ ތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގެ އެންމެ އެކުވެރި ގައުމުގެ ގޮތުގައި އިންޑިއާ އޮތް އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާ އިން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ ތިން ބިލިއަން އެމެރިކާ ޑޮލަރާ ކައިރީގައި ކަމަށެވެ.

"އަދިވެސް މިއުޅެނީ އެއާޕޯޓުގައި ކޯޑް އޮފް ރަންވޭއެއް ޖައްސާ، އެންމެ ބޮޑެތި މަތިންދާ ބޯޓު ޖައްސައި، ޓާމިނަލް ފެސިލިޓީ ނޮކް ޑައުން ކޮންޑިޝަންގައި ހުރެ އެސެމްބްލް ކުރާ ތަނަކަށް މި ހުރީ. ކޮންކްރީޓުން ހަދާ ތަނެއް ނޫން. ފަސް އަހަރު، ހަ އަހަރު ވެގެންދާ އިރު އަދި ޓާމިނަލެއް ނުނިމޭ،" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ޕަސެންޖާ ޓާމިނަލްގެ މަސައްކަތް ވަރަށް މަޑު ދުވެއްޔެއްގައި ހިނގަމުން އަންނަ ކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެއްވެސް އަޑެއް ނީވޭ، މި ސަރުކާރުގެ އެއްވެސް ވަޒީރަކު ނޫނީ މި ސަރުކާރުގެ އެއްވެސް މަސްއޫލުވެރި ބޭފުޅަކު މިވެނި، ކަންތައްތަކަކުން އިގްތިސާދީ އާމްދަނީ ހޯދާނެ މިވެނި މަޝްރޫއުތައް ފަށަނީއޭ މީގެ ނަތީޖާ މިވެނި ދުވަހެއްގައި ފެންނާނެއޭ ވިދާޅުވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،"

ފެށުނީއްސުރެ، ރާއްޖޭގައި އޮތީ ޑެފިސިޓް ވެފައިވާ ބަޖެޓުތަކެއް ކަމަށާއި ހަރަދު ކުރަމުން ގޮސް، "ކްރޭޝް" ނޫނީ "ކޮލަޕްސް" ވެ ކާރިސާއަކަށް ދާ ހިސާބަށް ހިނގައިދާނެތޯ ޔާމީން ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މާޗް މަހުގެ ތެރޭގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ވޯލްޑް ބޭންކްގެ ވަފްދެއް ރާއްޖެ އައިސް ރާއްޖޭގެ އިގްތިސާދުގެ ދިރާސާއެއް ހަދަން އަންނާނެ އެވެ.

"އެހެންވީމަ މި ދަނީ ހައްތަހާ ވެސް ރިކަރަންޓް ހަރަދު އިތުރުވަމުން. އެއީ މި ސަރުކާރު އެކަންޏެއް ނޫން. ފަސް އަހަރުގެ ސަރުކާރުން ބިލްޑް ކުރެއްވި އެއްޗެހީގެ މައްޗަށް މި ސަރުކާރުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި މިދަނީ." ޔާމީން ވިދާޅުވި އެވެ.