މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ސިނަމާލެ ފްލެޓުތަކާއި މާލެހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ޖާގަ ބޮޑު އިމާރާތެއް އެޅުމުގެ މަސައްކަތް އަންނަ އޭޕްރީލް ހިސާބުގައި ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ އާ މޭޔަރު އާދަމް އާޒިމާއި މާލެ ސިޓީ ކައުންސިލްގެ ތިން ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ މާލޭގެ މޭޔަރަކަށް ހުންނެވިއިރު، ކުރަން ބޭނުންވި ކަންކަމުގެ ތެރެއިން ބައެއް ކަންކަން އޭރުގެ ސަރުކާރުން ކުރިއަށް ގެންދަން ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ.

އެގޮތުން މާލޭގެ ސިނަމާލެ ސަރަހައްދުގައި ގެދޮރު ބިނާ ކުރުމަށް ފަށަން ނިންމާފައި އޮތް މަޝްރޫއު ވެސް އޮތީ ކުރިއަށް ގެންދަން ފުރުސަތު ނުދީފައި ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވި އެވެ. އެކަމަކު، އެކަން ވެސް ކުރިއަށް ގެންދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"އެޕްރީލް މަސް ހިސާބުގައި، އިރާދަކުރެއްވިއްޔާ ސިނަމާލެ ސަރަޙައްދުގައި، މިހާރު އެތާ އެހެރަ 5 އިމާރާތް، ސިނަމާލެ 1، 2، 3، މާލޭހިޔާ 1، 2 މި 5 އިމާރާތުގެ ހުރިހާ ފްލެޓްތަކަށް ބޭނުންވާވަރުގެ އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފެށޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ އިމާރާތް އަޅާ ނިމުނީމަ، މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށް ވުރެ ފުރިހަމަ، އެއަށް ވުރެ ޖާގަ ބޮޑު ފްލެޓުތަކެއް އެތަނުން ލިބިގެންދާނެ ކަމަށެވެ. ފްލެޓުތައް ލިބުނީމަ، ބާވެފައި ހުރި ފަސް އިމާރާތް ތަޅާލައި އެ ތަންތަނުގައި އާ އިމާރާތް އެޅިގެން ދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މަޝްރޫޢު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.