ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލުތަކެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ. އޭގެ ތެރޭގައި، މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުމާއި ސިޔާސީ މަގާމުތަކުގެ އަދަދު ކަނޑައެޅުން ފަދަ ބިލުތައް ހިމެނޭ ކަމަށް އެ ދެ ޕާޓީން ބުންޏެވެ.

އެކަން އިއުލާންކުރީ އެ ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ޗެއާޕާސަން ހަސަން ލަތީފު ވަނީ ދެ ޕާޓީ ގުޅިގެން ހުށަހަޅާ ބިލުތަކާ ބެހޭ ބައެއް ތަފްސީލު ހިއްސާކުރައްވާފަ އެވެ.

ހިޔާލު ތަފާތުވުންތަކެއް އުފެދި އެކުގައި މަސައްކަތް ނުކުރެވޭ ހިސާބަށް ދިޔުމުން މެމްބަރުންތަކެއް އެމްޑީޕީން ވަކިވެ އުފެއްދި ޑިމޮކްރެޓްސްއާ އެ ޕާޓީއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ނިމިދިޔަ ސިޔާސީ ކެމްޕޭނުތަކުގައި ވަނީ ބަދަލުކޮށްފަ އެވެ.

ނަމަވެސް, ބައެއް ގާނޫނުތަކަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ދެ ޕާޓީން އެކުގައި މަސައްކަތް ކުރާނެކަން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމާއި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ޕީޖީ ލީޑަރު އަލީ އާޒިމް އެކުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެކަމުގެ މައުލޫމާތު ގެންދަވަނީ ހިއްސާކުރައްވަމުންނެވެ.

ދެ ޕާޓީން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށް މިއަދު ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް, އެ ފޯމިއުލާ ހާމައެއް ނުކުރައްވަ އެވެ.

ހަސަން ވިދާޅުވީ މިހާރު ގާނޫނު އޮންނަނީ މެމްބަރުންގެ އަދަދު އިތުރުވަމުން، އިތުރަމުންދާ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، އެ ދެ ޕާޓީ ގުޅިގެން ހިފެހެއްޓުމަށް ގާނޫނަށް ބަދަލު ގެނެސްގެން އެ އަދަދު އިތުރުވިޔަނުދީ ހިފަހައްޓަން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މިހާރު ގާނޫނު އޮންނަނީ މެމްބަރުންގެ އަދަދު އިތުރުވަމުން، އިތުރަމުންދާ ގޮތަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގާނޫނުއަސާސީގައި އޮތް ގޮތަށް ކަނޑައަޅަމުން ގެންދިޔައިމަ، އެ އަދަދު އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުންނުވާ ދަރަޖައަކަށް އިތުރުވަމުން ދާ އުސޫލެއް މިހާރު އެ އޮތީ ގާނޫނު އަސާސީން ކަނޑައެޅިފައި،" ހަސަން ވިދާޅުވި އެވެ.

"އެހެންވީމަ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައި ވާނެ ކަމެއް ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން." އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ އެ ދެ ޕާޓީން ދެން މަޝްވަރާ ކުރި ކަމަކީ މި ސަރުކާރު އައިފަހުން ރައީސް ސިޔާސީ މަގާމުތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާ ދިއުމެވެ.

"ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި އިތުރުކުރައްވަމުން އެ ގެންދަވާ އަދަދުތަކަކީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު އަޅުގަނޑުމެންނަށް މައްސަލައެއްގެ ގޮތުގައި ފެންނަ ވަރަށް ބޮޑު މައްސަލައެއް،" ހަސަން ވިދާޅުވި އެވެ.

"އެއީ [ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް] ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދުތަކެއް ކަމަށް ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް އެއްބަސްވެވޭތީ އެ ބަދަލުވެސް ގާނޫނުއަސާސީއަށް ވެސް އަދި ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ކަމަށްވާނަމަ އެ ގާނޫނަށް ވެސް އެ ބަދަލެއް ގެނައުމަށް މަޝްވަރާ ކުރެވި، ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ދެ ވަނަ ކަމަކީ އެއީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި ރެގިއުލޭޓް ކުރާނެ އުސޫލެއް ކަނޑައެޅިފައި ނެތުމާއި އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް، ހަސަން ވިދާޅުވި ގޮތުގައި ދެ ޕާޓީން މަޝްވަރާކޮށްފައިވާ ކަމެކެވެ.

އުސޫލެއް ނެތި، ސަރުކާރުގެ އިސް ބޭފުޅުން ބޭނުން ގޮތަކަށް ކުންފުނިތައް ހިންގަން ދިމާކުރުމުން ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުން ލިބެމުންދާ ކަމަށް ހަސަން ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. މިއަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވެ ޖުމުލަ 93 އަށް އަަރާނެ އެވެ.