އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ ރައީސް ދްރައުޕަތީ މުރްމުއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފި އެވެ.

އިންޑިއާގެ ރައީސްއާއި އިންޑިއާގެ ބޮޑުވަޒީރަށް ރައީސް މުއިއްޒު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖެއްގަ އެވެ.

މި މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވައިފައިވެ އެވެ.

މީގެއިތުރުން ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ ވާހަކަ ރައީސްގެ މެސެޖުގައި ފާހަގަކުރައްވައިފައިވެ އެވެ. އަދި ކުރިޔަށް އޮތް އަހަރުތަކަކީ އިންޑިޔާގެ ރައްޔިތުންނަށް އަމާންކަމާއި ކުރިއެރުމާއި ފާގަތިކަން ގެނެސްދޭނެ ދުވަސްތަކެއްކަމުގައި ވުމަށް ވެސް ރައީސް ޑރ. މުއިއްޒުގެ މެސެޖުގައި އެދިވަޑައިގެންފައިވެ އެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރާއްޖެއިން އިންޑިއާއަށް ފޮނުވީއިރު ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ބަދުބަސް ބުނުމާ ގުޅިގެން އުފެދުނު ނުތަނަސްކަމުގައި ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފަ އެވެ.